ކުޅިވަރު

މެސީ ހޯދަން ބާސާއިން މަސައްކަތް ކުރަނީ


ސްޕެނިޝް ލީގުގެ ތާވަލުގެ އެއްވަނައިގައި އުޅޭ އެފްސީ ބާސެލޯނާއިން ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އާޖެންޓީނާގެ ލިއޮނެލް މެސީ އަނބުރާ އެކުލަބަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް ބާސާގެ ނާއިބް ރައީސް ރަފައެލް ޔުސްޓޭ ހާމަކޮށްފިއެވެ.

އުމުރުން 35 އަހަރުގެ މެސީއަކީ ބާސާއަށް 778 މެޗް ކުޅެދީ 672 ލަނޑާއެކު އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި އޭނާ ބާސާ ދޫކޮށްލާފައިވަނީ އެކުލަބަށް ދިމާވި މާލީ ދަތިކަމުގެ ތެރޭގައި އެކުލަބްގައި އޭނާ ބެހެއްޓޭގޮތް ނުވުމުން 2021 ވަނަ އަހަރުއެވެ.

މެސީ މިހާރު ކުޅެމުންދާ ފްރެންޗް ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިން އާއި އެކު ހަދާފައިވާ ދެއަހަރު ދުވަުގެ އެއްބަސްވުން މިސީޒަނާއެކު ހަމަވެގެންދާނެއެވެ. އަދި ބުނެވޭގޮތުގައި އޭނާ ބޭނުންވަނީ ޕިއެސްޖީހައި މަޑުކުރާށެވެ.

ޔުސްޓޭ ހާމަކުރިގޮތުގައި އޭނާ މެސީ އާއި ދޭތެރޭ ދެކޭގޮތް ވަރަށް ރަނގަޅަށް މެސީ އާއި އޭނާގެ އާއިލާއަށް އެނގޭނެކަމަށެވެ. މީގެ ދެއަހަރު ކުރިން މެސީވަނީ އޭނާގެ މުސާރަ ކުޑަކޮށްގެންވެސް ބާސާގައި މަޑުކުރަން ބޭނުންވާތީ އެކަންވެސް ކޮށްފައެވެ. ނަމަވެސް އެކަންވެސް ވާންއޮތީ އެހެން ބައެއް ކުޅުންތެރިން ވިއްކާލައިގެން ކަމުން ވަގުތު އައިސް ޖެހުނު އިރުވެސް ބާސާއަށް އެކަން ހާސިލް ނުކުރެވުމުގެ ނަތީޖާއަކަށްވީ ސީނިއަރ ކްލަބް ކެރިއަރ އެކްލަބެއްގައި އެއްކޮށް ހޭދަކުރި ބާރސާ ދޫކޮށް އެހެން ކްލަބަކަށް ދާން ޖެހުމެވެ.

ޔުސްޓޭ ހާމަކުރިގޮތުގައި އޭނާވެސް އެއިރުގެ މަޝްވަރާތަކުގައި ބައިވެރިވި ކަމަށާއި އެކަން ކާމިޔާބު ނުވުމުގެ ހިތްދަތިކަން އަދިވެސް ހުންނަކަމަށެވެ. އަދި ބާސާއިން މެސީއާދޭތެރޭ ދެކޭގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އޭނާ އެނބުރި ގެނައުމަށް ބާސާއިން އަބަދުވެސް ބޭނުންވާނެކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން މެސީ އާއި ގުޅުން ބަހައްޓަމުން އަންނަ ކަމަށްވެސް ޔުސްޓޭ ހާމަކުރިއެވެ.