މައޭމީ އޯޕަން ޓެނިސް މުބާރާތުގެ އަންހެން ބައިގެ ފައިނަލުން މިމުބާރާތުގައި 10 ވަނައަށް ސީޑް ކުރެވިފައިވާ ކަޒަކިސްތާންގެ އެލޭނާ ރީބަކީނާ އާއި ޗެކް ރިޕަބްލިކްގެ ޕެތްރާ ކްވިޓޯވާ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން ރީބަކީނާ ޖާގަހޯދީ ދުނިޔޭގައި ތިންވަނައަށް ރޭންކް ކުރެވިފައިވާ ޖެސިކާ ޕެގޫލާ އާއި ބައްދަލުކުރި ސެމީފައިނަލް ކާމިޔާބުކޮށްގެންނެވެ.
ދެކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ރީބަކީނާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.
މިމެޗްގެ ފުރަތަމަ ސެޓް ހައެއް ހަޔަކުން ދެކުޅުންތެރިން އެއްވަރުވުމުން ނަތީޖާ ނެރެފައިވަނީ ޓައިބްރޭކަކަށް ގޮަސްގެންނެވެ. އަދި ޓައިބްރޭކް ރީބަކިނާ ކާމިޔާބުކުރީ ހަތެއް ތިނަކުންނެވެ.
މިމެޗްގެ ދެވަނަ ސެޓް ރީބަކީނާ ކާމިޔާބުކުރީ ހައެއް ހަތަރަކުންނެވެ. މިމުބާރާތުގެ ފައިނަލްގައި ރީބަކިނާ ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ ޕެޓްރާ ކްވިޓޯވާ އާއެވެ.
ކްވިޓޯވާ މިމުބާރާތުގެ ފައިނަލުން ޖާގަހޯދީ ރޭ ކުޅުނު ދެވަނަ ސެމީފައިނަލް މެޗްގައި ރުމޭނިއާގެ ސޮރާނާ ސަސްޓިއާ ބައްދަލު ކޮށް ސީދާ ދެސެޓުންނެވެ. އެއީ ހަތެއް ފަހެއް އަދި ހައެއް ހަތަރަކުންނެވެ.
މިމުބާރާތް ކާމިޔާބުކޮށްފި ކަމަށްވާނަމަ އިންޑިއަން ވެލްސް އާއި މައޭމީ އޯޕަންއާއެކު ސަންޝައިން ޑަބަލް ކާމިޔާބުކުރާ ފަސްވަނަ އަންހެން ކުޅުންތެރިޔާއަށް ވުމުގެ ފުރުސަތު ރީބަކީނާއަށް ލިބިގެންދާނެއެވެ.