ކުޅިވަރު

ވެޓެރަންސް ލީގު: ދަ ގްރާންޑޭ ބަލިކޮށް އީގަލްސްއަށް ރަނގަޅު ފެށުމެއް


ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓަރަންސް ލީގު 2023" ގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ކުލަބު އީގަލްސްއިން ފެށުން ރަނގަޅުކޮށްފިއެވެ.

މާފަންނު އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މި މެޗުގެ 21 ވަނަ މިނެޓުގައި އީގަލްސްއަށް ލީޑު ނަގައިދިނީ އަޙްމަދު ހުސެއިން ޖެހި ލަނޑުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަޙްމަދު ތަހުލީމް ވަނީ އިތުރު ލަނޑެއް ޖަހާ އީގަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފު ފަށައިގެންވެސް ފުރަތަމަ ލަނޑު ޖެހީ އީގަލްސްއިންނެވެ. މި ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އަޙްމަދު ހުސެއިންނެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގެ ފަހު ކޮޅު ދަ ގްރާންޑޭގެ ހުސެއިން ޝަރީފް ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގައި 11 ޓީމަކުން ބައިވެރިވާނެއެވެ. މިދިޔަ އަހަރުގެ މުބާރާތެކޭ އެއް ގޮތަށް މިއަހަރުގެ ވެޓަރަންސް ލީގުވެސް އިންތިޒާމު ކުރަނީ ކުލަބް އިވެންޓްސްއިންނެވެ.