ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލް މުބާރާތުގައި ހުކުރު ދުވަހު ކުޅުނު މެޗުން މޮޅުވެ ގްރޫޕް ބީގެ އެއްވަނަ މީޓިއާސްއިން ހޯދައިފިއެވެ.
ހުކުރު ދުވަހުގެ ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ދެވަނަ މެޗުން މީޓިއާސް މޮޅުވީ ވާރު އަތުން ފަސް ވިކެޓުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ވާރު ކުޅެންއަރާ އެންމެ ކުޅުންތެރިއެއް ނުބައިވެގެން 6 އޯވަރު ހަމަވިއިރު ހެދިފައިވަނީ 109 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި މުހައްމަދު ޖިނާހު އާއި 32 ލަނޑު ހެދި މޫސާ ޖިނާހެވެ. ޖަވާބުގައި މީޓިއާސް ކުޅެންއަރާ 6 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 111 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި އިބްރާހިމް އަލީ އެވެ.
މީގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗުން ޝުގަ ކޯން ވަނީ ޕޮލިސް ކުލަބު އަތުން ހަ ވިކެޓުން މޮޅުވެފައެވެ.
މި މެޗުގެ ގުރު ދިމާވުމުން ޕޮލިސް ކުޅެންއަރާ ފަސް ކުޅުންތެރިން ނުބައިވެގެން 8 އޯވަރު ހަމަވިއިރު ހެދުނީ 94 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 22 ލަނޑު ހެދި އަހުމަދު ޝިރުހާނެވެ. ޖަވާބުގައި ޝުގަރ ކޯން ކުޅެންއަރާ 6 ވަނަ އޯވަރުގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން ހެދުނީ 97 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 31 ލަނޑު ހެދި އަބްދުﷲ އަފީފް އާއި 23 ލަނޑު ހެދި އިބްރާހިމް އަލީ އެވެ.
މި ފަހަރުގެ އޯޕަން މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ޓީމު ސެމީއަށް ދަތުރުކުރާއިރު، ސެމީގެ ފަހު ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރުވަނަ ޓީމަކަށެވެ.
ގްރޫޕް ބީގެ އެއްވަނަ މީޓިއާސްއިން ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނަ ލިބުނު ޝުގަ ކޯންއަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި ނިންމި ވާރުއަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި ނިންމި ޕޮލިހަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހެވެ.