ދުނިޔޭގެ ވިޔަފާރި

ސެމްސަންގުން ޗިޕް އުފައްދާ މިންވަރު މަދުކުރަނީ


ދެކުނު ކޮރެއާގެ އިލްކެޓްރޯނިކް ކުންފުނި ސަމްސަންގް އިލެކްޓްރޯނިކްސްއިން މެމޮރީ ޗިޕް އުފައްދާ މިންވަރު މަދުކުރާނެކަމަށް ބުނެފިއެވެ.

އެ ކުންފުނިން މިގޮތަށް ނިންމާނެކަމަށް ބެލެވެނީ ކުންފުނީގެ ކުއާޓަރުގެ އޮޕަރޭޓިން ފައިދާ %96 ދަށްވާނެކަމަށް ލަފާކޮށްފައިވާތީއެވެ.

ކޯވިޑުގެ ބަލިމަޑުކަމަށްފަހު ޑިމާންޑް ދަށްވުމާއި ދުނިޔޭގެ އިގްތިސާދު ހީނަރުވުމުގެ ސަބަބުން ސަމްސަންގުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ސަމްސަންގުން ބުނި ގޮތުގައި ޖެނުއަރީން މާޗްމަހުގެ ނިޔަލަށް އޮޕަރޭޓިން ފައިދާ 600 ބިލިއަން ވޮންއަށް ދަށްވެފައިވާ ކަމަށާއި އޭގެ ކުރީ އަހަރު 14 ޓްރިލިއަން ވޮން ދަށްވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ މެމޮރީ ޗިޕް އުފެއްދުން މާނަހުރި މިންވަރަކަށް ދަށްކުރަމުން، ހާއްސަކޮށް ސަޕްލައި ސެކިއުރިޓީ ލިބިފައިވާ އުފެއްދުންތަކުގެ އުފެއްދުން،" ސަމްސަންގުން ބުންޏެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި ހެދި ފުރަބަންދުކުރުމުގެ ސަބަބުން މެމޮރީ ޗިޕްއަށް ޑިމާންޑް ބޮޑުވީ ކޮންސިއުމަރުން ގޭގައި ބޭނުންކުރުމަށް އާ އިލެކްޓްރޯނިކްސް ގަންނަމުން ދިއުމުންނެވެ.

ފާއިތުވި ދެތިން އަހަރު ތެރޭގައި ޗިޕްގެ ދަތިކަމުން އަރައިގަންނަމުން އައި ނަމަވެސް ސެމީކޮންޑަކްޓަރ އުފައްދާ ގިނަ ކުންފުނިތަކުން ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.

"ޖުމްލަ އިގްތިސާދު މަޑުޖެހުމުން ކުއްލިއަކަށް މި އުފެއްދުންތަކަށް އޮތް ޑިމާންޑް ލަސްވި. އެހެންވެ، މި އުފެއްދުންތައް އުފައްދާ ފަރާތްތަކުން ޗިޕްސް އޯޑަރުކުރުން ހުއްޓާލައި، މިހާރު ހުރި އިންވެންޓްރީ މެދުވެރިކޮށް ވިއްކުމަށް ފޯކަސްކުރީ،" މެނޭޖްމަންޓް ކޮންސަލްޓެންސީ ބެއިން އެންޑް ކޮމްޕެނީގެ އެނަލިސްޓް ޕީޓާ ހެންބަރީ ވިދާޅުވިއެވެ.

ޓީވީ، ޓެބްލެޓް އަދި ސްމާޓްފޯނު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ސަމްސަންގުން ވަނީ ވާދަވެރި ކުންފުނިތަކާއި އަޅާބަލާއިރު މެމޮރީ ޗިޕް އުފެއްދުން މަދުކުރުމާއި މީގެކުރިން ދެކޮޅު ހަދާފައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ކުންފުނިން އުފެއްދުންތައް މަދުކުރާނެ ކަމަށް އިއުލާން ކުރުމަކީ މަދުން ނޫނީ ނުފެންނަ ކަމެކެވެ. ދެކުނު ކޮރެއާގައި މެގަ ސެމީކޮންޑަކްޓަރ ހަބެއް ތަރައްގީ ކުރުމަށް 20 އަހަރު ދުވަހުގެ ތެރޭގައި 300 ޓްރިލިއަން ވޮން އިންވެސްޓްކުރަން ރާވާފައިވާކަންވެސް މިދިޔަ މަހު ސަމަސަންގުން ވަނީ އިއުލާންކޮށްފައެވެ.

ސެމީ ކޮންޑަކްޓަރ ހަބެއް ތަރައްގީކުރާނެކަމަށް ސެމްސަންގުން ކުރި މި އިއުލާނަކީ ސެމީކޮންޑަކްޓަރ އިންޑަސްޓްރީގެ މާކެޓް ރަނގަޅުވުމުގެ ނިޝާނެއްކަމަށް އިންވެސްޓަރުން އުންމީދު ކުރެއެވެ.