ޚަބަރު

ރަމަޟާންމަހު ކުނިއުކާލި މިންވަރު %31 އިތުރު


ރަމަޟާންމަހު މާލެ ސަރަޙައްދުގެ ގެތަކުން ކުނިއުކާލި މިންވަރު %31 އިތުރުވެފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބުނެފިއެވެ.

ޢާއްމު ގޮތެއްގައި ރަމަޟާންމަހަކީ އެހެން މަސްތަކާ ޚިލާފަށް ކާބޯތަކެތީގެ ބާވަތްތައް ތައްޔާރުކުރުން އިތުރު މަހަކަށްވުމާއެކު ކުނި އުފެދޭ މިންވަރުވެސް އިތުރުވެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބުނީ އެހެން އަަހަރުތަކުގެ ރަމަޟާންމަހާ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހު ވެސް ކުނީގެ މިންވަރު އިތުރުކަމަށެވެ. އެގޮތުން މި ރޯދަމަހު ކުނި ނެގި މިންވަރު 31 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މި ނިމުނު ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގައި 919 ޓަނުގެ ކުނި ނެގިނަމަވެސް އެއަދަދު 32 އިންސައްތައަށް އިތުރުވެ ގޭބިސީތަކުން ނަގާ ކުނީގެ ޢަދަދު ފަހުން 1215 ޓަނަށް އިތުރުވިކަމަށް ވެމްކޯއިން ބުނެއެވެ.

މި ނިމުނު ރަމަޟާން މަހަކީ ކުނި ވަކިކޮށްގެން އުކާލަން ފެށިފަހުން އައި ފުރަތަމަ ރަމަޟާންމަހެވެ. ވެމްކޯއިން ބުނިގޮތުގައި ކުނި ވަކިކޮށްގެން އުކާލާ މީހުންގެ އަދަދު އިތުރުވެފައިވަނީ %10 ން %20 އަށެވެ.

ކޮންމެ ރޯދަމަހަކީ ވެސް ޢާއްމުގޮތެއްގައި ބަދިގޭގެ ކުނި އިތުރު މަހެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު އުފައްދާ ކުނި މަދުކުރުމަށް ސަމާލުވުމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ތަކެތިން ދުރުހެލިވުމަކީ މުހިއްމުކަން ވެމްކޯއިން ފާހަގަކުރެއެވެ.

މި ނިމުނު ރަމަޟާންމަހު ބަދިގޭގައި އުފައްދާ ކުނީގެ އިތުރަށް މާލޭގައި މަގުތަކަށް ނެރެފައި ހުންނަ ކުނީގެ މިންވަރުވެސް ވަނީ އިތުރުވެފައެވެ. މީގެ ސަބަބުން މަގުތައް ހަޑިވުމާއި، ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗިހީގައި އުޅޭ މީހުންނަށްވެސް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. އެހެންކަމުން މަގު ސާފުކޮށް ބޭއްވުމަށްޓަކައި އެތަންތަނުންވެސް ގިނަ ޢަދަދެއްގެ ކުނި ވަނީ ނަގާފައެވެ.

ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތްތައް 3 ގޮތަކަށް އަންނަނީ ދެމުންއެވެ. އެއީ ގޭގެއަށް ގޮސްގެން ކުނި އުކާލުމުގެ ޚިދުމަތާއި، ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސެންޓަރުން ކުނި ކަލެކްޓްކުރުމުގެ ޚިދުމަތުގެ އިތުރުން ގޭގެއިން ގަނޑުކޮށް ކުނި އުކާލަދިނުމުގެ (ކެޕްސް) ޚިދުމަތެވެ.

މާލެ ސަރަޙައްދުގައި ކުނި މެނޭޖްކުރުމަކީ ގޮންޖެހުން ބޮޑުކަމެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. މިކަން ޙައްލުކުރެއްވުމަށް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތާއެކު މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތްވެސް އަންނަނީ ކުރައްވަމުންނެވެ. މިއާއެކު މިސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ބޮޑު ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.