އިޓާލިއަން ލީގުގައި ސަލެރްނިޓާނާއާ އެއްވަރުވެ ލީގު ކާމިޔާބުކުރަން ތާވަލުގެ އެއްވަނައިގައި އުޅޭ ނާޕޮލީއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
ނާޕޮލީގެ ދަނޑުގައި ރޭ ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
ލީގުގައި އިންޓަ މިލާނާއި، ދެވަނައިގައި އުޅޭ ލާޒިއޯ ބައްދަލުކުރި މެޗުން ލާޒިއޯ ބަލިވެފައިވުމުން، ނާޕޮލީ މިމެޗުނަށް ނިކުތީ މެޗު ކާމިޔާބުކޮށްފިނަމަ، ލީގު ކާމިޔާބުކުރެވޭނެކަން އެނގި ތިބެއެވެ. އަދި ނާޕޮލީގެ ސްޕޯޓަރުން ތިބީ 1990 ވަނަ އަހަރަށް ފަހު ލީގު ތަށި ކާމިޔާބުކުރާނެ ކަމަށް ވިސްނައި އުފާފާޅު ކުރުމަށްވެސް ތައްޔާރުވެގެންނެވެ.
ނާޕޮލީން މެޗުގެ ބޮޑު ބައި ކޮންޓްރޯލް ކުރި މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ނާޕޮލީއަށް ކާމިޔާބުކޮށްދިނީ މެޓިއަސް އޮލިވޭރާއެވެ. މިލަނޑާއެކު ނާޕޮލީގެ ސްޓާޑިއޯ ޑިއެގޯ އަރްމަންޑޯ މަރަޑޯނާ ސްޓޭޑިއަމަށް ވަދެ ތިބި އެ ޓީމުގެ ސަޕޯޓަރުން އުފަލުން ފޮޅިގެން ދިޔައެވެ. އަދި ދަނޑާއި އަޑުބޭރުގައި އެ ކްލަބްގެ ސަޕޯޓަރުން އެހާހިސާބުން އުފާފާޅުކުރަން ފެށިތަން ފެނިގެންދިޔައެވެ. ނަމަވެސް ސަލެރްނިޓާނާއިން ވަނީ މެޗްގެ 84 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މުޅި ދަނޑަށް ހަމަހިމޭންކަން ގެނުވާފައެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބޮއުލާޔޭ ޑިއާއެވެ. ލީގު ކާމިޔާބު ކުރުމަށް ހަ މިނެޓަށް ގާތްވެފައިވަނިކޮށް ޖެހި މިލަނޑާއެކު ނާޕޮލީއަށް މިހާރު ވަނީ ލީގު ކާމިޔާބުކުރުމަށް އިތުރަށް މަޑު ކުރަންޖެހިފައެވެ.
މިމެޗް އެއްވަރުވުމާއެކު ނާޕޮލީން މިހާރު އުޅެނީ ކުޅުނު 32 މެޗުން ލިބިފައިވާ 79 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި 18 ޕޮއިންޓްގެ ލީޑެއްގައެވެ. އަދި ލީގު ކާމިޔާބުކުރުމަށް އެ ޓީމަށް ބާކީ އޮތް ހަ މެޗުން ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ. ނާޕޮލީއަށް ލީގު ކާމިޔާބުކުރުމަށް ދެން އެންމެ އަވަސް ފުރުޞަތަކަށް ވެގެންދާނީ ރަށުން ބޭރުގައި އުދިނޭޒީއާ އަންނަ ބުރާސްފަތި ދުވަހު ބައްދަލުކުރާ މެޗެވެ. ނަމަވެސް އެހެން މެޗްތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން އެ މެޗް ކުޅުމުގެ ކުރިންވެސް ނަނާޕޮލީއަށް ލީގު ކާމިޔާބު ކުރެވުމަކީވެސް ގާތްކަމެކެވެ.