ކުޅިވަރު

ބެޑްމިންޓަން އެސޯސިއޭޝަންގެ ސްޕޯޓްސް ލީގަލް ކޮންސަލްޓަންޓަކަށް ޖައުޝަން


ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސްޕޯޓްސް ލީގަލް ކޮންސަލްޓަންޓަކަށް މުޙައްމަދު ޖައުޝަން ޝަރީފް ހަމަޖައްސައިފިއެވެ.

ޖައުޝަން އެ މަޤާމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް އެއް އަހަރު ދުވަގެ މުއްދަތަކަށެވެ. ޖައުޝަން ގެންދަވަނީ މިވަގުތު އޭއެފްސީގެ ލީގަލް ކޮމިޓީގެ މެމްބަރުކަން އަދި ވޯލްޑް އެންޓި ޑޯޕިންގެ އޭޝިއާ އަދި އޯޝަނިއާ ބައްރުގެ ރެޒަލްޓް މެނޭޖްމަންޓް ޕެނަލުގެ މެންބަރުކަންވެސް ކުރައްވަމުންނެވެ.

ޖައުޝަން ވަނީ ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން މިދިޔަ އަހަރު ހިތްވަރުދިނުމުގެ ޤައުމީ އިނާމުވެސް ޙާސިލުކުރައްވާފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ އިތުރުން ޖައުޝަން އަންނަވަނީ 2007 ވަނަ އަހަރުން ފެށިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި މަސައްކަތްކުރައްވަމުންނެވެ. ކުޅިވަރު ޑިވެލޮޕްމަންޓް އޮފިސަރެއްގެ އިތުރުން އުމުރުފުރާތަކުން ފެށިގެން ސީނިއާ ޤައުމީ ޓީމުތަކުގެ މީޑީއާ އޮފިޝަލެއްގެ ގޮތުންވެސް މަސައްކަތް ކުރައްވާފައިވާ ޖައުޝަން ވަނީ 2016 ވަނަ އަހަރު އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާފައެވެ. އަދި އެ އަހަރުން ފެށިގެން އޭނާ އަންނަނީ އެފްއޭއެމުގެ ލީގަލް ޑިޕާޓްމަންޓުގައިވެސް މަސައްކަތް ކުރައްވަމުންނެވެ.

ފުޓްބޯޅައިގެ އިތުރުން ޖައުޝަން ވަނީ 2016 އިން 2021 އަށް ރާއްޖޭގެ ހޭންޑްބޯޅް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީކަންވެސް ކުރައްވާފައެވެ. އަދި 2018 ވަނަ އަހަރު ރާއްޖޭގެ ޗެސް އެސޯސިއޭޝަނުގެ ނޯމަލައިޒިން ކޮމިޓީގެ މެމްބަރުކަމާއި، ޖެހިގެން އައި އަހަރު ޤައުމީ ބޮޑީބިލްޑިން ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރުކަންވެސް ޖައުޝަން ކުރައްވާފައިވެއެވެ.