23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޢަމާޒުކޮށް ކުރިއަށްގެންދާ ޓީ20 ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗުގައި، މާލޭ ބީ ޓީމު އަތުން ފުވައްމުލައް ޓީމު މޮޅުވެއްޖެއެވެ.
މި މުބާރާތަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ތިން ޓީމަކާއެކު ލީގު އުޞޫލުން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި މިއަދު ކުޅުނު މެޗުން ފުވައްމުލައް ޓީމު މޮޅުވީ، މާލޭ ބީ ޓީމު އަތުން 152 ލަނޑުންނެވެ.
ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗުގެ ގުރު ދިމާވުމުން ފުވައްމުލައް ޓީމު ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 203 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 43 ބޯޅައިން 54 ލަނޑު ހެދި އިބްރާހީމް މަބްސަރެވެ.
ޖަވާބުގައި މާލޭ ބީ ޓީމު ކުޅެން އަރައި 17 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 51 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 17 ބޯޅައިން 11 ލަނޑު އެއްކުރި އިސްމާޢީލް ނަޒުވާނެވެ. މި އިނިންގްސްގައި މުޙައްމަދު ހައިކަލް އާއި މަބްސަރު ވަނީ ކޮންމެ އުކުންތެރިއެއް ތިން ވިކެޓް ނަގާފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަބްސަރުއެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ޓީމު ލީގު އުސޫލުން ދެ ބުރެއް ކުޅުމަށްފަހު، ލީގު ބުރުގެ ކުރި ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.