ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރާ ދުވުންތެރިއަކަށް ހައްވާ މުޒްނާ ފާއިޒް ހޮވައިފިއެވެ.
20 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕު އޮންނާނީ އަންނަ ޖޫން މަހުގެ 4-7 އަށް ކޮރެއާގެ ޔެޗިއޮންގައެވެ. މި މުބާރާތުގައި ވާދަކުރުމަށް ހޮވި މުޒްނާއަކީ އައްޑޫ ޓްރެއިނިން ސެންޓަރުގައި ތަމްރީނު ހަދަމުން އަންނަ އެތުލީޓެކެވެ.
ޝަރަފުއްދީން ސްކޫލުގެ އެތުލެޓިކްސް ޓީމުން ވިދާލި މުޒްނާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ފުވައްމުލައް ސިޓީގައި އޮތް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓުގައި 100 މީޓަރު ދުވުމުން މީޓް ރިކޯޑު ހަދައި، ރަން މެޑެލް ހާސިލުކޮށްފައެވެ. އަދި މިދިޔަ މާޗު މަހު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި މުޒްނާ ވަނީ 100 މީޓަރާއި، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރިހި މެޑެލް ހޯދާފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ޤައުމީ ގްރޯން ޕްރީ މުބާރާތުގައިވެސް މުޒްނާ ވިދާލިއިރު، އޭނާ ވަނީ އެ މުބާރާތުގެ 100 މީޓަރު ދުވުމުން ލޯ މެޑެލް އާއި، 200 މީޓަރު ދުވުމުން ރިހި މެޑެލް އަދި 400 މީޓަރު ދުވުމުން ރަން މެޑެލް ހާސިލުކޮށްފައެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ޤައުމީ އެތުލެޓިކްސް މުބާރާތުގައި ވާދަކޮށް މުޒްނާ ވަނީ 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރު އިވެންޓުން ރިހި މެޑެލް ހޯދާފައެވެ. އަދި އެ މުބާރާތުގައި 4 ގުނަ 100 މީޓަރާއި 4 ގުނަ 400 މީޓަރު ދުވުމުން ރަން މެޑެލް ހޯދި ޓީމުގައިވެސް މުޒްނާ ހިމެނުނެވެ.
20 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕު އެންމެ ފަހުން ބާއްވާފައި ވަނީ 2018 ވަނަ އަހަރެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ތައިލެންޑުގެ ބެންކޮކުގައި ބާއްވަން ތާވަލުކުރި މުބާރާތް ކެންސަލް ކުރީ ކޮވިޑުގެ ސަބަބުންނެވެ.
ޖަޕާނުގެ ގިފޫ ސިޓީގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އައިޝަތު ހިމްނާ ޙަސަން އާއި، މުޙައްމަދު ނާއިލް ވަނީ ވާދަކޮށްފައެވެ.