ކުޅިވަރު

މުލީކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަން މިފަހަރުވެސް އަންމަޑޭއަށް


ގައުމީ ސާފް ލީގުގެ ދެ ވަނަ މުބާރާތް ކަމަށްވާ "މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން މިއަހަރުވެސް އަހުމަދު އާގިލް (އައްމަޑޭ) ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން އަންމަޑޭ ހޯދީ ފައިނަލުގައި ހުސެއިން އަރީފް (އިބޫ) ގެ މައްޗަށް ކުރިހޯދައިގެންނެވެ. އަހުމަދު އާގިލް ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓު 0.53 ގެ ކުޑަ ތަފާތަކުން ކުރިހޯދައިގެންނެވެ.

ފައިނަލު ހީޓުގެ ބޮޑުބައިގައި ލީޑުގައި އޮތީވެސް އިބޫ އެވެ. އެގޮތުން، 13.50 ގެ ސްކޯއަކާ އެކު އިބޫ ކުރީގައި އޮތް ނަމަވެސް ފަހަތުން އަރާ އިބޫ ވަނީ 14.03 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ.

މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރުވެސް ހޯދީ އައްމަޑޭ އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސައްޔިދު ސަލާހުއްދީން ބަލިކޮށްގެންނެވެ. އިބޫ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ނަޖާހު މުހައްމަދު (ކަބޯ) ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް އެއްވަނަ ވަނަ ހޯދި ޝާނިފް ޝަފީގެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޔާސިން އަހުމަދު ނާޝިދު ބަލިކޮށްގެންނެވެ. ފައިނަލް ހީޓުން ޝާނިފް ވަނީ 10.83 ގެ ސްކޯއެއް ހޯދާފައެވެ. ޔާސީން އަށް ލިބުނީ 8:00 އެވެ.

މުލީކޮޅު މުބާރާތަށްފަހު ދެން ކުރިޔަށްއޮތީ ކ. ހިންމަފުށީގައި ބާއްވާ ގާމާދޫކޮޅު މުބާރާތެވެ. މި މުބާރާތް އޮންނާނީ ޖުލައި 4-8 އަށެވެ. އެއަށްފަހު ދެން އޮންނާނީ ރ. ކިނޮޅަހުގައި ބާއްވާ ހުރާކޮޅު ރާޅުގަނޑު މުބާރާތެވެ. އަދި އެންމެ ފަހު މުބާރާތަކީ މާލޭގައި ބާއްވާ ރަންނަމާރި ޗެލެންޖެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 27 އިން ނޮވެމްބަރު މަހުގެ 25 ގެ ނިޔަލަށެވެ.