އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ކުލަބު ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ޓީސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
ޓީސީން ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގައި އެ ޓީމުން ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އަބްދުލް ވާހިދު އިބްރާހީމް (ވާޑު) ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް މުޙައްމަދު މުސްލިހު (މުއްޓި) އެވެ.
އޭގެ ފަހުން މެޗުގެ 30 ވަނަ މިނެޓުގައި ޓީސީން ވަނީ ލީޑު ފުޅާކޮށްފައެވެ. އޭރިއާ ތެރެއިން ޓީސީގެ އީރާސް އަޙްމަދު ފޮނުވާލި ބޯޅައެއް ހޯދައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު މާއިޝް ރަޝީދެވެ. އެ ބޯޅަ ގޯލަށް ވަނީ ވެލެންސިއާގެ ގޯލްކީޕަރު އާދަމް އިމްއާން އަތުގައި ޖެހިފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށްވެސް މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާއިރު، މެޗުގެ 51 ވަނަ މިނެޓުގައި އޭރިއާ ބޭރުން މުސްލިހް ފޮނުވާލި ހަމަލާއެއް ބޭރުވީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. މި މެޗުގައި ވެލެންސިއާއަށް ޓީސީގެ ގޯލާ އަމާޒުކޮށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާއިރު، މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ އަބްދުﷲ ޔާމީން (ޔާނު) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މި މޮޅާއެކު ޓީސީން ފެށުން ރަނގަޅުކުރިއިރު، ލީގުގައި ދެން އެ ޓީމުން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރެވެ. އެ މެޗުގައި ޓީސީ ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި އެރޭ ވެލެންސިއާ ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ.