އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ކެޕްޓަން އަޙްމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ފަހަތުން އަރައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް ކުލަބު އީގަލްސްއިން ފެށުން ރަނގަޅުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު އީގަލްސް ކާމިޔާބުކޮށްފައިވަނީ ބުރު ސްޕޯޓްސްއިން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި ކާމިޔާބުކުރި ތިން ލަނޑާއެކު 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ބުރު ސްޕޯޓްސް ކުރީގައި އޮވެގެންނެވެ. މި މެޗުގައި އީގަލްސްއިން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި ކާމިޔާބުކުރި ތިން ލަނޑާއެކުއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބުރު ސްޕޯޓްސްއިން ލީޑު ނަގާފައިވަނީ 16 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުގެ މުޙައްމަދު ތަޝްމީން (ތައްތި) ކޯނަރެއްގައި އޭރިއާ ތެރެއަށް ފޮނުވާލި ހަމަލާއެއް، އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) ގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
މި ލަނޑަށްފަހު އީގަލްސް ދިޔައީ މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ ނުރައްކާކުރަމުންނެވެ. ޚާއްސަކޮށް އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އާއި ބްރެޒިލުގެ ފޯވާޑް އިވާން ކާލޯސްގެ ދައުރު ފާހަގަކޮށްލެވެއެވެ.
ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސް ލީޑުގައި އޮތް ނަމަވެސް، އެ ޓީމަށް ލީޑު ހިފަހައްޓާލެވުނީ މެޗުގެ 66 ވަނަ މިނެޓާ ހަމައަށެވެ. އެގޮތުން ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ދިން ބޯޅައަކުން ރިޒޭ ވަނީ އީގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އަދި މެޗުގެ 83 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. މިއީ ފޭދޫ އިއްބެ ފޮނުވާލި ބާރު ބޯޅައެއް މަތަކުރަން އުޅުމުގެ ތެރޭގައި ބުރު ސްޕޯޓްސްގެ ގޯލްކީޕަރު ޝައިހާންގެ ގައިގައި ޖެހިގައި ނުކުތް ބޯޅައިން ރިޒޭ ކާމިޔާބުކުރި ލަނޑެކެވެ.
އީގަލްސްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތް މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެއެވެ.
މި މެޗުން އީގަލްސް މޮޅުވިއިރު، މި ދެޓީމު ވަނީ އެންމެ ފަހުން ބޭއްވި ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައިވެސް ވާދަކޮށްފައެވެ. ބުރު ސްޕޯޓްސް އާއި ވާދަކޮށް އީގަލްސް އެ މެޗު ކާމިޔާބުކޮށްފައިވަނީ އިތުރު ވަގުތުގެ ދެ ހާފުގައި ލަނޑު ޖަހައިގެންނެވެ.