އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ހޯދި ބޮޑު މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފެށުން ރަނގަޅުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ ފަސޭހަކަމާއެކު 7-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މާޒިޔާއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ހަސަން ރާއިފް އަޙްމަދު (ހަންނަ) ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އެކަމަކު އޭގެ ނުވަ މިނެޓު ފަހުން މާޒިޔާގެ ހައިޝަމް ހަސަނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޝަނާން ރަޝީދު ވަނީ ޔޫވީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި މާޒިޔާއިން ދެވަނަ ފަހަރަށް ލީޑު ނެގީ 26 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. މިއީ އޭރިއާ ތެރެއިން ހަމްޕުއަށް ޔޫވީގެ ހުސެއިން މައިޝާން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީން ވަނީ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. އަރީން އަބްދުﷲ އިބްރާހީމް ދިން ރީތި ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަޙްމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) އެވެ.
މި މެޗުގެ ދެވަނަ ހާފަށް މާޒިޔާއިން ނުކުމެފައިވަނީ ތިން ބަދަލަކާއެކުއެވެ. އެއާއެކުވެސް މި ހާފުގެ ކުރީކޮޅު އެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް މެޗުގެ 68 ވަނަ މިނެޓުގައި ވޮލީއަކުން ހަމްޕު ވަނީ މާޒިޔާއަށް އަލުން ލީޑު ނަގައިދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ހަމްޕު ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޒިޔާއަށް ލީޑު ފުޅާކޮށްދިނީ ބަދަލަކަށް ކުޅެން ނުކުތް ސްޓެފަން ސްޓެފަން މިހައިލޮވިޗެވެ.
މި މެޗުގެ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހަމްޕު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ އޭރިއާ ތެރެއިން މާޒިޔާގެ ހަސަން ނަޒީމް (ޗޯޓު) އަށް ޔޫވީގެ މުޙައްމަދު ސަމީހް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ހަންނަ ދިން ބޯޅައަކުން ސްޓެފަން ވަނީ ލަނޑެއް ޖަހައި، މާޒިޔާގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ ފަހު މިނެޓުގައި ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.
މި މޮޅާއެކު މާޒިޔާއިން ފެށުން ރަނގަޅުކުރިއިރު، ލީގުގައި ދެން އެ ޓީމުން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ. އެ މެޗުގައި މާޒިޔާ ނުކުންނާނީ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. އަދި އެ ދުވަހުގެ ހަވީރު ޔޫވީ ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ.