ކުޅިވަރު

ގްރީން ސްޓްރީޓްސް އަތުން ސަސްއަށް ފަސޭހަ މޮޅެއް


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ސަސް މޮޅުވީ 5-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސަސްއިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި މުޙައްމަދު ސަޚާއު ނަގައިދިން ހުރަހަކުން އެ ޓީމަށް ލީޑު ނަގައިދިނީ މުޙައްމަދު ނިޒާމެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި އަޙްމަދު ހުޝާމް ދިން ބޯޅައަކުން އަޙްމަދު އައިހަމް ވަނީ ލަނޑެއް ޖަހައި ސަސްގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން އަޙްމަދު ހަމީދުގެ އެހީތެރިކަމާއެކު ސަސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނަސޫހް ރަޝީދެވެ.

މި މެޗުގައި ސަސްއިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން އައިހަމް އަޙްމަދު އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ނިޒާމެވެ.

އަދި މެޗުގައި ސަސްއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުނަފް ރަޝީދެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ހާފުގެ މެދަކާ ހިސާބުން ލިބުނު ހިލޭ ޖެހުމުން އައިހަމް ފޮނުވާލި ބޯޅަ ގޯލްކީޕަރު އަޙްމަދު ރަމީޒުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ބޮލުން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަބްދުﷲ އަނޫޝް ވަނީ މި މެޗުގައި ގްރީން ސްޓްރީޓްސްއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗުން ގްރީން ސްޓްރީޓްސް ބަލިވިއިރު، މި ސީޒަނުގެ ލީގުގެ ކުޅުން އެ ޓީމުން ފެށީ ޕްރީ-ސީޒަންގައި މާ ބޮޑު ތައްޔާރީތަކެއް ނެތިއެވެ. އަދި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕުގައިވެސް ގްރީން ސްޓްރީޓްސް ވާދަކޮށްފައެއް ނުވެއެވެ.