އަންނަ މަހު އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ދަޢުވަތު ލުބުނާނުން ޤަބޫލުކޮށްފައިވާކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ބުނެފިއެވެ.
އަންނަ މަހުގެ 23 އިން ޖުލައި މަހުގެ 4ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި ސާފް ސަރަޙައްދުގެ ހަ ޤައުމުގެ އިތުރުން ސަރަޙައްދުން ބޭރުގެ ދެ ޤައުމަކަށް ދަޢުވަތު ދިނެވެ. އެ ދައުވަތު ޤަބޫލުކޮށްފައިވާ ދެ ޤައުމަކީ ލުބުނާނުގެ އިތުރުން ކުވެއިތެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ވެސް ސަރަޙައްދުން ބޭރުގެ ޤައުމުތަކަށް ދަޢުވަތު ދީގެން ކުޅޭނެ ފުރަތަމަ ފަހަރެވެ.
ދުނިިޔޭގެ ރޭންކިންގައި ލުބްނާން މިވަގުތު އޮތީ 99 ވަނާގައެވެ. ސާފް ޗެމްޕިއަންޝިޕުގެ ކުރިން ޖޫން މަހުގެ 9-18 އަށް އިންޑިއާގައި ބާއްވާ ބައިނަލްއަޤްވާމީ މުބާރާތުގައިވެސް އެ ޤައުމު ވާދަކުރެއެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރާ ސަރަޙައްދީ ހަ ޤައުމަކީ ދިވެހިރާއްޖެ އިންޑިއާ، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްއެވެ. ސްރީ ލަންކާ، ފީފާ ސަސްޕެންޝަނެއްގައި އޮތުމުން އެޤައުމު މިފަހަރުގެ މުބާރާތުގައި ނުފެންނާނެއެވެ.
އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ 13 މުބާރާތުގެ ތެރެއިން 8 މުބާރާތް ކާމިޔާބުކުރީ އިންޑިއާއެވެ. ރާއްޖެއިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2018 ވަނަ އަހަރުއެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ރާއްޖެއިން ހޯދި ދެވަނަ ތައްޓެވެ. މުބާރާތުގައި ރާއްޖެއިން ބޭނުންކުރާނެ ރަސްމީ ޖާރޒީ ދާދިފަހުން ވަނީ ދައްކާލާފައެވެ. ޖާރޒީ ރަސްމީކޮށް ދައްކާލީ ޕްރެސިޑެންޓްސް ކަޕުގެ ފައިނަލް މެޗުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.