ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި އިންޓަރ މިލާނާއި އޭސީ މިލާންގެ މެދުގައި ކުޅުނު ސެމީފައިނަލްގެ ފުރަތަމަ ލެގް އިންޓާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗް އިންޓަރ އިން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު ސުން ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްގެ ތަފާތަކަށް ފެނިގެންދިޔައީ ފެށުމެވެ.
މިގޮތުން އިންޓައިން މިމެޗް ވަރަށް ފޯރިއާއެކު ފެށިއިރު މިލާންއަށް ފުރަތަމަ 15 ވަރަކަށް މިނެޓް ދިޔައި މެޗްގެ ތެރެއަށް އެންމެ ފުރިހަމަ ގޮތުގައި ނުވަދެވިގެން އުޅުނު ތަނެވެ. މިގޮތުން މިމެޗްގެ ފުރަތަމަ 11 މިނެޓްގެ ތެރޭގައި އިންޓަރއިން ވަނީ މިމެޗްގައި އެޓީމުން ކާމިޔާބުކުރި 2 ލަނޑު ކާމިޔާބުކޮށްފައެވެ. މިމެޗްގައި އިންޓަރގެ ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ އެޑިން ޖެކޯއެވެ.
މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި ހަތަރު ވަނަ ލަނޑެވެ. އަދި ދެވަނަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ޖަހާދިނީ ހެންރިކް މިހިތާރިޔަންއެވެ. މީގެއިތުރުން މިމެޗްގެ ފުރަތަމަ ހާފްގައި އިންޓަރގެ ހަކާން ޗަހަނޮގްލޫ ފޮނުވާލި ހަމަލާއެއް ވަނީ މިލާންގެ ގޯލް ދަނޑިއަށްވެސް އަމާޒުވެފައެވެ. އަދި މިމެޗްގެ ރެފްރީ ވަނީ ފުރަތަމަ ހާފްގައި އިންޓަރއަށް ޕެނަލްޓީ އެއް ދިނުމަށްފަހު ވީއޭއާރުގެ އެހީތެރިކަމާއެކު އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމާފައެވެ.
މިމެޗްގެ ފުރަތަމަ ހާފާއި ހިލާފަށް މިލާނުންވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެޓީމަށް އިންޓަރގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިހާފްގައި މިލާންގެ ސަންޑްރޯ ޓޮނާލީ ފޮނުވާލި ހަމަލާއެއްވަނީ އިންޓަރގެ ގޯލް ދަނޑިއަށްވެސް އަމާޒުވެފައެވެ.
މި ދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގް މިއަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އޮންނާނީ އަނެއްކާވެސް ސެންސީރޯ ސްޓޭޑިއަމްގައެވެ. ނަމަވެސް އެއީ އިންޓަރގެ ހޯމް މެޗްގެ ގޮތުގައި ބެލެވޭ މެޗް ކަމުން ދަނޑަށް ކުޅިބަލަށް ގިނައިން ވަނުމުގެ ފުރުސަތު ދެވިގެންދާނީ އިންޓަރގެ ސްޕޯޓަރުންނަށެވެ.
މި ކާމިޔާބީއާއެކު ފައިނަލްގެ ޖާގައެއް ހޯދުމަށްއޮތް ފުރުސަތު އިންޓަރއަށް ބޮޑުވި ނަމަވެސް މިލާނަށްވެސް އަދި ފުރުސަތު މުޅިން ނުގެއްލޭކަމަށް ބައެއް ފަރާތްތަކުން ހާމަކުރެއެވެ.