ކުޅިވަރު

މައޭމީ ހީޓް އަތުން ނިއު ޔޯކް ނިކްސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭ އޮފްސްގެ އީސްޓަން ކޮންފަރެންސް ސެމިފައިނަލްގައި ނިއުޔޯކް ނިކްސް އާއި މައޭމީ ހީޓްގެ މެދުގައި ކުޅުނު ފަސްވަނަ މެޗް ނިކްސް ކާމިޔާބުކޮށްފިއެވެ.

ނިއުޔޯކްގެ މެޑިސަން ސްކުއެއަރ ގާޑަންގައި ކުޅުނު މިމެޗް ނިކްސް ކާމިޔާބުކުރީ 112 ޕޮއިންޓް 103 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނިކްސްގެ ޖަލެން ބްރުންސަންވަނީ 38 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. އަދި ހީޓްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 9 އެސިސްޓް ދިން ޖިމީ ބަޓްލަރއެވެ.

މި ކާމިޔާބީއާއެކު ނިކްސްއިން މިވަނީ މިސީރީޒް ހަވަނަ މެޗަކަށް ގެންގޮސްފައެވެ. މިސީރީޒްގައި މިހާރު ތިން މެޗު ދެ މެޗުން ކުރީގައި އުޅެނީ އަށްވަނައަށް ސީޑް ކުރެވިފައިވާ ހީޓްއެވެ. އަދި ފަސްވަނައަށް ސީޑް ކުރެވިފައިވާ ނިކްސް ކުރިއަށް އޮތް ހަވަނަ މެޗް ކާމިޔާބު ނުކުރެވިއްޖެނަމަ އީސްޓަން ކޮންފަރެންސްގެ ފައިނަލްގެ ޖާގައެއް ހީޓްއަށް ލިބިގެންދާނެއެވެ.

މިމުބާރާތުގެ ވެސްޓަން ކޮންފަރެންސް ސެމީފައިނަލްގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރި ފަސްވަނަ މެޗް ވޮރިއަރސް ކާމިޔާބުކޮށް މިސީރީޒްވެސް މިހާރުވަނީ ހަވަނަ މެޗަށް ގެންގޮސްފައެވެ.

ސެން ފްރަންސިސްކޯގެ ޗޭސް ސެންޓަރގައި ކުޅުނު މިމެޗް ވޮރިއަރސް ކާމިޔާބުކުރީ 121 ޕޮއިންޓް 106 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވޮރިއަރސްގެއެންޑްރޫ ވިގިންސްވަނީ 25 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ލޭކަރސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ލެބްރޮން ޖޭމްސްއެވެ.

މި ކާމިޔާބީއާއެކު ވޮރިއަރސް މިސީރީސް ހަވަނަ މެޗަކަށް ގެންދިޔަ ނަމަވެސް އެމެޗް ކާމިޔާބު ނުކުރެވިއްޖެނަމަ މި ސީރީޒް ލޭކާރސްއަށް ކާމިޔާބު ކުރެވި ވެސްޓަން ކޮންފަރެންސްގެ ފައިނަލްގެ ޖާގައެއް ލޭކަރސްއަށް ކަށަވަރުވެގެންދާނެއެވެ.