ކުޅިވަރު

ބުސްކެޓްސް 18 އަހަރަށްފަހު ބާސެލޯނާ ދޫކޮށްލައިފި


ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް 18 އަހަރަށްފަހު އެޓީމް ދޫކޮށްލަން ނިންމައިފިއެވެ.

މިފަހަރުގެ ސީޒަން ނިމުމާއެކު ބާސާ ދޫކޮށްލަން ނިންމާފައިވާކަން ބުސްކެޓްސް ވަނީ ބުނެފައެވެ. އުމުރުން 34 އަހަރުގެ ބުސްކެޓްސް ވަނީ ބާސާއަށް 718 މެޗް ކުޅެދީފައެވެ. މިއީ އެކްލަބްގެ ތާރީޚްގައި ތިންވަނައަށް އެންމެ ގިނަ މެޗް ކުޅެދިން ކުޅުންތެރިޔާއެވެ.

ބުސްކެޓްސް ބާސާއާއެކު ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ލަލީގާގެ ތަށި އަށް ފަހަރު ކާމިޔާބު ކުރުމާއި ކޮޕާ ޑެލްރޭ ތަށި ހަތް ފަހަރު ކާމިޔާބު ކުރުމާއި ސްޕެނިޝް ސުޕަރ ކަޕް ހަތް ފަހަރު ކާމިޔާބުކުރުމާއި ޗެމްޕިއަންސް ލީގުގެ ތަށި ތިންފަހަރު ކާމިޔާބު ކުރުން ހިމެނެއެވެ. މީގެއިތުރުން ޔޫރަޕިއަން ސުޕަރ ކަޕާއި ކްލަބް ވާރލްޑް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

ބުސްކެޓްސް ބުނީ މިއީ އޭނާއަށް ނިންމަން އެހާ ފަސޭހަ ނިންމުމަކަށް ނުވި ނަމަވެސް މިކަމުގެ ވަގުތު އައިސް ޖެހިއްޖެކަމަށެވެ. އަދި ބާސާއާއެކު ހޭދަ ކުރެވުނު ދުވަސްތަކަކީ އާދަޔާ ހިލާފު ދުވަހަކުވެސް ހަނދާން ނުނެތޭނެ ދުވަސްތަކެއްކަމަށާއި އޭނާ އަބަދުވެސް ބާރސާގެ ޖާރޒީގައި އެޓީމަށް ކުޅުމުގެ ހުވަފެން ދެކެމުންދިޔަ ކަމަށެވެ. އަދި މިކަން ހަގީގަތަކަށް ވެފައިވަނީ އޭނާ ހުވަފެނުން ދެކުނު ވަރަށްވުރެވެސް ފުރިހަމަ ކޮށްކަމަށެވެ.

މީގެއިތުރުން ބާސާގެ ޖަރޒީ ލައިގެން ކުޅުމުގެ ފުރުސަތު ލިބިގެންދިއުމަކީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައިވެސް އޭނާ ސިފަކުރިއެވެ. އަދި ކޮންމެ ކަމަކަށް ފެށުމެއް އޮންނަހެން ނިމުމެއްވެސް އަންނާނެކަމަށާއި އެދުވަސް އައިސް ޖެހުނީކަމަށް އޭނާ ބުންޏެވެ. ބުސްކެޓްސް ވަނީ އޭނާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިކަން ހަގީގަތަކަށް ހެދުމުގައި އެހީތެރިވެދިން އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

ބުސްކެޓްސް ބާސާ އާއި ގުޅިގައިވަނީ 2005 ވަނަ އަހަރު ޒުވާން ޓީމްގެ ކުޅުންތެރިއެއްގެގޮތުގައެވެ. ބާރސާގެ ސީނިއަރ ޓީމަށް އެންމެ ފުރަތަމަ ކުޅެފައިވަނީ ޕެޕް ގާޑިއޯލާގެ ކޯޗް ކަމުގެ ދަށުގައި 2008 ވަނަ އަހަރުއެވެ. އަދި މިސީޒަން ނިމުމާއެކު ބާރސާއާ ވަކިވާއިރު އޭނާގެ ކެޕްޓަން ކަމުގެ ދަށުން 9 ވަނަ ފަހަރަށް ލަލީގާގެ ތަށި އުފުލާލަން ލިބޭނެކަން މިހާރުވަނީ ގާތްގަޑަކަން ޔަގީންވެފައެވެ. އެ ގޮތުން ބާކީ ފަސް މެޗް ކުޅެން އޮތް އިރު އެޓީމް އުޅެނީ 13 ޕޮއިންޓްގެ ލީޑެއްގެއެވެ.