ކުޅިވަރު

ސަރުކާރުން ފުވައްމުލަކުގައި ގާއިމުކުރި ބެޑްމިންޓަން ކޯޓު ހުޅުވައިފި


ރާއްޖޭގެ ކަންކޮޅުތަކުގައި ސަރުކާރުން ތަރައްގީ ކުރައްވަމުން ގެންދަވާ ކުޅިވަރު ވަސީލަތްތަކުގެ ތެރެއިން ފުވައްމަލަކު ސިޓީގައި ތަރައްގީކުރިި ބެޑްމިންޓަން ކޯޓު ހުޅުވައިފިއެވެ.

މިޕްރޮޖެކްޓަކީ ސަރުކާރުން ކުޅިވަރު ކުޅޭތަންތަން ތަރައްގީކުރުމުގެ ސިލްސިލާގެ ދަށުން ކުރިޔަށްގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ފުވައްމުލަކުގައިވަނީ ބެޑްމިންޓަން ކުޅޭނެ ޒަމާނީ ފެންވަރުގެ 3 ކޯޓު ތަރައްގީކޮށްފައެވެ. ފުވައްމުލަކު ބެޑްމިންޓަން ސެންޓަރުގައި ގާއިމްކުރި ތިން ކޯޓަކީ ޔޫތު މިނިސްޓްރީގެ ބަޖެޓުން ޚަރަދުކޮންގެން ތަރައްގީކުރި ކޯޓުތަކެކެވެ.

މި ތިން ކޯޓު ގާއިމް ކުރުމަށް ޔޫތު މިނިސްޓްރީގެ ބަޖެޓުން ވަނީ އެއްމިލިއަން ހަތަރުލައްކަ ތިރީސް އަށްހާސް ނުވަސަތޭކަ ސާޅީސް ދެރުފިޔާ ޚަރަދުކޮއްފައެވެ. ރާއްޖޭގެ ކުޅިވަރު ކުޅޭނެ ތަންތަން ތަރައްގީކޮށް ގާއިމް ކުރުމަކީ މި ސަރުކާރުގެ ސީޔާސީ ވައުދެކެވެ. ސަރުކާރުން ވަނީ މީގެ ކުރިން އައްޑޫ ސީޓީ އާއި ޅ.ނައިފަރުގައިވެސް ޒަމާނީ ފެންވަރުގެ ބެޑްމިންޓަން ކޯޓެއް ތަރައްގީކޮށް ހުޅުވާފައެވެ.

އައްޑޫ ބެޑްމިންޓަން ކޮމްޕްލެކްސް އަކީ ޔޫތު މިނިސްޓްރީއާއި އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދި މަޝްރޫޢެކެވެ.

މިމަޝްރޫޢަށް ސަރުކާރުން 6.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އައްޑު ބެޑްމިންތަން ކޮމްޕްލެކްސްގައި ޖުމްލަ ހަތަރު ކޯޓް ހިމެނޭ އިރު މިއީ އޭޝިއާގެ ބެޑްމިންޓަން ޓްރެއިނިންގް އެޕްރޫވަލް ކޯޓްތަކެކެވެ. އެގޮތުން މި ހޯލުގެ ފްލޯރިންއާއި، ހޯލުގައި ބޭނުންކުރާ ހުރިހާ ވަސީލަތްތަކަކީވެސް ބެޑްމިންޓަން އޭޝިއާއިން ކަނޑަޅާފައިވާ މިންގަނޑުގެ ތަކެއްޗެވެ.