ކުޅިވަރު

ބްރައިޓަން ބަލިކޮށް އާސެނަލް ތާވަލުގެ ތިންވަނައަށް


އިނގިރޭސި އެފްއޭ ވިމެންސް ސުޕަރ ލީގުގައި އާސެނަލް އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗް އާސެނަލް ކާމިޔާބުކޮށް ތާވަލްގެ ތިންވަނައަށް އަރައިފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗު އާސެނަލް ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި އެޓީމްގެ ފެށުން ވަރަށް ރަނގަޅެވެ. މިގޮތުން މެޗްގެ ހަ ވަނަ މިނެޓްގައި އާސެނަލްއިން ވަނީ މިމެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ސްޓިނާ ބްލެކްސްޓޭނިއަސް އެވެ. އަދި އޭގެ ދެ މިނެޓްފަހުން ބްލެކްސްޓޭނިއަސްއިން ވަނީ އާސެނަލްގެ ލީޑު ފުޅާކޮށް ދީފައެވެ.

މިމެޗްގައި އާސެނަލްގެ ތިންވަނަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހާދިނީ ފްރިޑާ މާނުމްއެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި އާސެނަލްގެ ފަހު ލަނޑު ޖަހާދިނީ ވިކްޓޯރިއާ ޕެލޯވާއެވެ. މިމެޗްގެ ދެވަނަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ބްރައިޓަންގެ ކޯޗް ކަމާއި މެލިސާ ފިލިޕްސް ހަވާލުވިފަހުން މިހާތަނަށް އެޓީމްގެ ކުޅުން ކުރިއަށް ވުރެ ރަނގަޅުވި ނަމަވެސް އަދިވެސް ބައެއް މެޗްތަކުގައި ޑިފެންސް ބަލިކަށި ކަމަށް ދައްކައެވެ. މިގޮތުން މެލީސާގެ ކޯޗް ކަމުގައި އެޓީމް ކޮޅަށް 10 ލަނޑު ވަދެފައިވެއެވެ.

މިކާމިޔާބީއާއެކު އާސެނަލް ވިމެން މިހާރުވަނީ ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ 19 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކުއެވެ. ހަތަރު ވަނައިގާ މިވަގުތު އުޅޭ މެންޗެސްޓަރ ސިޓީއަށް 44 ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރީގައި އުޅޭނީ އާސެނަލްއެވެ. އަދި އާސެނަލް އެއް މެޗު މަދުން ކުޅެފައިވުމުން ލީގަށް ވާދަކުރުމުގެ ފުރުސަތުވެސް އަދި އެޓީމަށް ނުގެއްލެއެވެ. މި މެޗުން ބަލިވުމުން ބްރައިޓަން މިހާރު އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.