ކުޅިވަރު

ޑެއްލީ ކެޕިޓަލްސް އަތުން ޗެންނާއި ސުޕަ ކިންގްސް މޮޅުވީ 27 ލަނޑުން


އިންޑިއަން ޕްރިމިއަރ ލީގު ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި ޗެންނާއި ސުޕަރ ކިންގްސް އާއި ޑެއްލީ ކެޕިޓަލްސް ބައްދަލުކުރިމެޗް ސުޕަރ ކިންގްސް ކާމިޔާބުކޮށްފިއެވެ.

ޗެއްނާއީގެ އެމް އޭ ޗިދަމްބަރަމް ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބު ކުރީ 27 ލަނޑުންނެވެ. މިމެޗްގެ ޓޮސް ދިމާވުމުން ސުޕަރ ކިންގްސް ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެޓީމުން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން ހެދުނީ 167 ލަނޑެވެ.

އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 25 ލަނޑު ހަދާދިން ޝިވަމް ޑޫބޭއެވެ. މީގެއިތުރުން ރަތޫރާޖް ގައިކްވާޑް 24 ލަނޑު ހަދާދިންއިރު އަމްބަޓީ ރަޔޫޑޫވަނީ 23 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި ޑެއްލީ ކެޕިޓަލްސް އިން އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު 18 ލަނޑަށް ތިން ވިކެޓް ނަގާދިން މިޝޭލް މާރޝްއެވެ. އަދި އަޒާރު ޕަޓޭލް ވަނީ ހަތަރު އޯވަރު 27 ލަނޑަށް ދެ ވިކެޓް ނަގާދީފައެވެ.

ޖަވާބުގައި ޑެއްލީ ކެޕިޓަލްސްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 140 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 35 ލަނޑު ހަދާދިން ރިލީ ރޮސޯއުއެވެ. މަނީޝް ޕާންޑޭ ވަނީ 27 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި ސުޕަރ ކިންގްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 37 ލަނޑަށް ތިން ވިކެޓް ނަގާދިން މަތީޝާ ޕަތިރާނާއެވެ. އަދި ދީޕަކް ޗަހާރުވަނީ ތިން އޯޕަރު 28 ލަނޑަށް 2 ވިކެޓް ނަގާދީފައެވެ.

މި ކާމިޔާބީއާއެކު ޗެއްނާއި ސުޕަރ ކިންގްސް އުޅެނީ ކުޅުނު 12 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި ޑެއްލީ ކެޕިޓަލްސް އުޅެނީ 8 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.