ކުޅިވަރު

23 އަހަރުން ދަށުގެ ޓީ20 މުބާރާތުން އުއްމީދީ ކުޅުންތެރިންތަކެއް ފާހަގަވި: ކްރިކެޓް ބޯޑް


ނިމިގެންދިޔަ ޤައުމީ 23 އަހަރުންދަށުގެ ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގެ މަޤްސަދު ހާސިލުވެފައިވާ ކަމަށާއި ކްރިކެޓް ބޯޑަށް މި މުބާރާތުން އުއްމީދީ ގިނަ ކުޅުންތެރިންތަކެއް ފާހަގަވެފައިވާ ކަމަށް އެ ބޯޑުގެ ނައިބު ރައީސް އަހުމަދު ހުސެއިން (ދޮނާ) ވިދާޅުވެއްޖެ އެވެ.

ތިން ޓީމަކާއެކު ކުރިޔަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސީބީއެމް މާލޭ އޭ ޓީމެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ފުވައްމުލަކު ކްރިކެޓް ޓީމު އަތުން ހަ ލަނޑުން މޮޅުވެގެންނެވެ.

ތިން ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލުން ފުވައްމުލަކު ޓީމުން ޖާގަ ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. މާލޭ އޭ ޓީމު ބަލިވީ ލީގު ބުރުގައި ފުވައްމުލަކު ޓީމު އަތުން އެކަންޏެވެ. ދެން ކުޅުނު ދެ މެޗުގައި އެ ޓީމު ވަނީ މާލޭ ބީ ޓީމު ބަލިކޮށްފަ އެވެ. ފުލަށް ދިޔަ މާލޭ ބީ ޓީމު ކުޅުނު ހުރިހާ މެޗަކުންވަނީ ބަލިވެފައެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބޭއްވި މި މުބާރާތަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ދޮނާ ބުނީ މި މުބާރާތުން ގިނަ ކަންތައްތަކެއް ފާހަގަވެގެންދިޔަ ކަމަށެވެ. އަދި އުއްމީދީ ގިނަ ކުޅުންތެރިންތަކެއް ފެނިގެން ހިނގައްޖެ ކަމަށާއި އެ ކުޅުންތެރިން އިތުރަށް ކުރިޔަށްދިއުމަށް ކްރިކެޓް ބޯޑުން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

މީގެއިތުރުން ޤައުމީ ޓީމު އެކުލަވާލާއިރު މި މުބާރާތުން ގިނަ ކުޅުންތެރިންތަކެއް ފާހަގަވެގެންދިޔަ ކަމަށާއި ފުވައްމުލަކާއި މާލޭން ވެސް ކުޅުންތެރިން މި ފަހަރުގެ ޤައުމީ ޓީމުގައި ހިމެނޭނެ ކަމަށް ދޮނާ ވިދާޅުވިއެވެ.

މި މުބާރާތުގައި މާލޭގެ ދެ ޓީމަކާ ފުވައްމުލަކު ޓީމަކުން ވާދަކުރިއިރު އެސޯސިއޭޝަނުން މިހާރުވެސް ދަނީ ފުވައްމުލަކާ ލ. ކުނަހަންދޫގައި ކްރިކެޓުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. ބޯޑުގެ އަމާޒަކީ ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ކްރިކެޓް ތައާރަފްކުރުމެވެ. އެކަމަށް އެ ބޯޑުން މިހާރު ވަނީ ގިނަ ޕްލޭންތަކެއް ރާވާފައެވެ.