ކުޅިވަރު

ފަހަތުން އަރައި ފިއޮރެންޓީނާ ބަލިކޮށް ބާޒެލް ފައިނަލާ ގާތަށް


ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ފިއޮރެންޓީނާ ބަލިކޮށް ފައިނަލަށް ދިއުމުގެ ފުރުސަތު ބާޒެލްއިން ބޮޑުކޮށްފިއެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މިމެޗް ބާޒެލް ކާމިޔާބުކުރީ ފަހަތުން އަރާ 2 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފިއޮރެންޓީނާއިންނެވެ. އަދި ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެފައިވަނީވެސް އެޓީމުންނެވެ. އެގޮތުން މެޗްގެ 25 ވަނަ މިނެޓްގައި އަރތަރ ކަބްރާލް ޖަހާދިން ލަނޑާއެކު ފިއޮރެންޓީނާއިން ވަނީ މެޗްގެ ލީޑުވެސް ނަގާފައެވެ.

ނަމަވެސް ދެވަނަ ހާފްގައި ބާޒެލްއިން ވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް ފިއޮރެންޓީނާއަށް އިތުރަށް ނުރައްކާކޮށްފައެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މެޗްގެ 71 ވަނަ މިނެޓްގައި އެންޑީ ޑިއޫފް ޖަހާދިން ލަނޑުން މެޗްގެ ނަތީޖާ ހަމަހަމަ ވެގެންދިއުމެވެ. މިމެޗުން ބާޒެލް މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގެ 2 ވަނަ މިނެޓްގައި ޖަހާދިނީ ޒެކީ އަމްދޫނީއެވެ.

މިލަނޑާއެކު ދެވަނަ ލެގަށް މިއަންނަ ހަފްތާގައި މިދެޓީމް ނިކުންނައިރު ބާޒެލްއަށް މިވަނީ ފައިނަލަށް ދިއުމުގެ ފުރުސަތު އިތުރު ވެގެން ގޮސްފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ދެވަނަ ލެގް ކުޅެވިގެންދާނީ ބާޒެލްގެ ދަނޑުގައި ކަމުންނެވެ.