އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގައި ކޮލްކަޓާ ނައިޓް ރައިޑާސްއާ ދެކޮޅަށް ކުޅުނު މެޗު ރާޖަސްތާން ރޯޔަލްސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ރޯޔަލްސް ކާމިޔާބުކޮށްފައިވަނީ 9 ވިކެޓުންނެވެ.
ކޮލްކަޓާގެ އެޑެން ގާޑެންގައި ކުޅުނު މިމެޗްގައި ޓޮސް ދިމާވުމުން ރޯޔަލްސް ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރުމަށެވެ. ނައިޓް ރައިޑަރސްއިން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން ހެދުނީ 149 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 57 ލަނޑު ހަދާދިން ކެޕްޓަން ނިތިޝް ރާނާއެވެ. މިއިނިންގްސްގައި ރޯޔަލްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 25 ލަނޑަށް 4 ވިކެޓް ނަގާދިން ޔުޒްވެންދުރަ ޗަހާލްއެވެ.
ޖަވާބުގައި ރޯޔަލްސްއިން ކުޅެން އަރާ 13 އޯވަރު އެއް ބޯޅައަށް އެއް ކުޅުންތެރިއެއް ނުބައިވެގެން 151 ލަނޑު ހަދާ މެޗު ކާމިޔާބު ކުރިއެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 98 ލަނޑު 47 ބޯޅައިން ހަދާދިން ޔަޝާސްވީ ޖައިސްވާލްއެވެ. އުމުރުން 21 އަހަރުގެ ޖައިސްވާލްވަނީ މިމެޗްގައި 13 ބޯޅައިން ހާފް ސެންޗަރީ ހަދާ އައިޕީއެލްގެ އާ ރިކޯޑެއް ގާއިމް ކޮށްފައެވެ. ކުރީގެ ރިކޯޑަކީ 14 ބޯޅައިން ހާފް ސެންޗަރީ ހަދާފައިވާ ޕެޓް ކަމިންސް އާއި ކޭއެލް ރާހުލްއެވެ. މީގެ އިތުރުން މިމެޗްގައި ކެޕްޓަން ސަންޖޫ ސެމްސަންވަނީ ނުބައިނުވެ 48 ލަނޑު ހަދާދީފައެވެ. މިކާމިޔާބީއާއެކު ރާޖަސްތާން ރޯޔަލްސް މިހާރު އުޅެނީ 12 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ ތިންވަަނައިގައެވެ. އަދި ކޮލްކަޓާ ނައިޓް ރައިޑަރސް އުޅެނީ 12 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ.