ކުޅިވަރު

ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން އެވޯޑް ހާލަންޑާއި ސޭމް ކާއަށް


އިނގިރޭސި ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާއަށް މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑް ހޮވުނުއިރު، އަންހެން ކުޅުންތެރިޔާގެ މަގާމަށް ޗެލްސީގެ ފޯވާޑް ސޭމް ކާ ހޮވިއްޖެއެވެ.

މި އިނާމް ހާލަންޑަށް ލިބުނީ 82 އިންސައްތަ ވޯޓް ލިބިގެންނެވެ. މިފަހަރު ގަދަ ތިނެއްގައި ދެން ހިމެނުނީ އާސެނަލްގެ ދެ ކުޅުންތެރިން ކަމަށްވާ ބުކާޔޯ ސާކާ އާއި، ކެޕްޓަން މާޓިން އޮޑެގާޑްއެވެ. ހާލަންޑް މިސީޒަންގައި ސިޓީއާއި ގުޅުމަށްފަހު އަންނަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ރިކޯޑުތަކެއް ޤާއިމް ކުރަމުންނެވެ. މިގޮތުން މިހާތަނަށް އޭނާ 51 ލަނޑު ސިޓީއަށް ޖަހާދީފައިވާއިރު ޕްރިމިއަރ ލީގުގައި އެއް ސީޒަނެއްގައި އެއންމެ ގިނަ ލަނޑު ޖެހުމުގެ އާ ރިކޯޑެއް އޭނާވަނީ ހަދާފައެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ ކާރ މިފަހަރުގެ އިނާމާއެކު ވެފައިވަނީ މިއިނާމް ޖެހިޖެހިގެން ދެއަހަރު ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާއަށެވެ. ކާރވަނީ މިސީޒަންގައި ޗެލްސީ ވިމެންއަށް 34 މެޗްގައި 26 ލަނޑު ޖަހާދީފައެވެ. އުމުރުން 29 އަހަރުގެ ކާރއަށް ވަނީ ދެވަނައަށް ދިޔަ އެސްޓަން ވިލާގެ ރޭޗެލް ޑެލީއަށް ވުރެ ދެގުނަ އިތުރަށް ވޯޓް ލިބިފައެވެ. ނަމަވެސް މިސީޒަންގައި ވިމެންސް ސުޕަރ ލީގުގެ ޓޮޕް ސްކޯރަރއަކީ ރޭޗެލްއެވެ. މިބައިން ތިންވަނައަށް ދިޔައީ ޗެލްސީ ވިމެންގެ ލޯރެން ޖޭމްސްއެވެ.