އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މެޗު ޝެޑިއުލް ހެދިފައިވާ ގޮތާމެދު ހިތްހަމަނުޖެހޭކަން އެ ޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކުރީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގްގައި ރެއާލް މެޑްރިޑާއި މިއަންނަ ބުދަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ޕްރިމިއަރ ލީގުގައި އެވަޓަން އާއި ކުޅޭ މެދު މިއަދުގެ ބަދަލުގައި މާދަމާއަށް ޝެޑިއުލް ކޮށްފައި އޮތުމުންނެވެ.
އެވަޓަން މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނި ގޮތުގައި މެޝް ޝެޑިއުލް ހަދާގޮތް އޭނާއަށް ނުވިސްނޭކަމަށާއި ނަމަވެސް އެއީކީ އެކަމަކާއި ތަޅާފޮޅަން އޭނާ ބޭނުންވާކަމެއް ނޫންކަމަށެވެ. މިއީ މިކަން އޮތް ގޮތް ކަމަށެވެ. ބުނެވޭގޮތުގައި ސިޓީ އާއި އެވަޓަންގެ މެދު މިއަދަށް ބަދަލު ކުރެވެން ނެތީ ލިވަޕޫލްގައި މިއަދު ޔޫރޯވިޝަން ލަވަ މުބާރާތް ކުރިއަށް ދާތީ އެއްވަރެއްގެ ދެ އިވެންޓް އެއް ދުވަހެއްގައި ބޭއްވޭނެ އިންތިޒާމް ކުރެވެން ލިވަޕޫލްގައި ނެތުމުންނެވެ.
ޕެޕް ހާމަކުރިގޮތުގައި ރެއާލް މެޗަށް ތައްޔާރުވާން އޭނާވެސް ބޮޑަށް ބޭނުންވަނީ އެވަޓަން މެޗް މިއަދު ކުޅެން ކަމަށާއި ނަމަވެސް ކުރާނެ ކަމެއް ނެތް ކަމަށާއި އޭނާ އާއި އޭނާގެ ޓީމަށް ޖެހޭނީ މިހާރުގެ ހާލަތަށް ވިސްނާ ޓީމް ތައްޔާރު ކުރަން ކަމަށެވެ. އަދި ޕްރިމިއަރ ލީގުން މިކަމުގައި ސިޓީއަށް އެހީތެރިވާން ބޭނުން ވާކަން އެނގޭ ކަމަށާއި ނަމަވެސް ލީގުންވެސް މިކަމުގައި ކުރެވޭނެ މާބޮޑު ކަމެއް ނެތީކަމަށް ބެލޭކަމުގައި ޕެޕް ހާމަކުރިއެވެ. އެވަޓަން އާއި އެކު މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗަކީ ދެޓީމަށްވެސް މުހިންމު މެޗެކެވެ. މިގޮތުން ސިޓީއިން ތަށި ދިފާއު ކުރުމަށް މިމެޗުން މޮޅުވެ އާސެނަލްގެ މައްޗަށް އޮތް ލީޑު ދަމަހައްޓަން މުހިންމު އިރު އެވަޓަންއިން ރެލިގޭޝަނުން ސަލާމަތް ވުމަށް މިއީ މުހިންމު މެޗެކެވެ. ޕެޕް ހާމަކުރިގޮތުގައި މިވަގުތު އޭނާގެ ވިސްނުން އެއްކޮށް ހުރީ އެވަޓަން އަށް ކަމަށާއި އެނޫން މެޗަކަށް ނުވިސްނާކަމަށެވެ.
ރެއާލް މެޑްރިޑް އިން މިހަފްތާގައި ގެތާފޭ އާއި އެކު ކުޅޭ މެޗް މިހާރުވަނީ މިއަދަށް ބަދަލުކޮށްދީފައެވެ. އެހެން ކަމުން އެޓީމަށް އެއް ދުވަސް އިތުރަށް ސިޓީ މެޗަށް ތައްޔާރުވާން ލިބިގެން ދާނެއެވެ.