އަނިޔާއިން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗު ސާބިއާގެ ޓެނިސް ތަރި ނޯވަކް ޖޮކޮވިޗް ކާމިޔާބުކޮށްފިއެވެ.
ރޯމްގައި މިހާރު ކުރިއަށްދާ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ޖޯކޮވިޗް ކުޅުނު މެޗް ކާމިޔާބުކުރީ އާޖެންޓީނާގެ ތޯމަސް މާޓިން އެޓްޗެވެރީއާއި ބައްދަލުކޮށެވެ.
މިމެޗް އެންމެފަހުގެ ޗެމްޕިއަން ޖޯކޮވިޗް ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހަތެއް ހައެއް އަދި ހައެއް ދެއަކުންނެވެ. ޖޯކޮވިޗްއަށް ވަނީ އޭނާގެ އުޅޮނބޮއްޓަށް ލިބިފައިވި އަނިޔާއެއްގެ ސަބަބުން އެންމެ ފަހުން ބޭއްވި މެޑްރިޑް އޯޕަންގައި ކުޅެވޭގޮތް ނުވެފައެވެ. ހަތްވަނަ ފަހަރަށް މިމުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ޖޯކޮވިޗް މިމުބާރާތުގެ ކްއާޓަރ ފައިނަލަށް ނުގޮސް މީގެ ކުރިން މުބާރާތަށް އަލްވަދާއު ކިޔާފައެއް ނުވެއެވެ. ތިންވަނަ ބުރުގައި ޖޯކޮވިޗް ބައްދަލުކުރާނީ 26 ވަނައަށް ސީޑް ކުރެވިފައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯފްއާއެވެ. އޭނާ ތިންވަނަ ބުރުން ޖާގަހޯދީ ސްވިތްޒަލަންދްގެ ސްޓޭން ވަވްރިންކާ އާއި ބައްދަލުކުރި މެޗް ހައެއް ހަތަރެއް އަދި ހަތެއް ހަޔަކުން ކާމިޔާބުކޮށްގެންނެވެ.
މިމުބާރާތުގެ ތިންވަނަ ބުރުންވަނީ އިނގިރޭސިވިލާތުގެ ކެމެރަން ނޯރީވެސް ޖާގަހޯދާފައެވެ. އޭނާ ތިންވަނަ ބުރުން ޖާގަހޯދީ ފަރަންސޭސިވިލާތުގެ އެލެގްޒެންދަރ މުލަރ އާއި ދެވަނަ ބުރުގައި ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ހައެއް ދެއެއް އަދި ހައެއް ތިނަކުން ކާމިޔާބުކޮށްގެންނެވެ. ތިންވަނަ ބުރުގައި ނޯރީ ބައްދަލުކުރާނީ ހަންގޭރީގެ މާޓަން ފުކްސޮވިޗްސްއާއެވެ. އޭނާ ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި އޮސްޓްރޭލިއާގެ އެލެކްސް ޑި މިނާއު އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ.