އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގައި މުމްބާއި އިންޑިއަންސްއިން ތާވަލްގެ އެއްވަނައިގައި އުޅޭ ގުޖުރާތު ޓައިޓަންސް ބަލިކޮށްފިއެވެ.
މުމްބާއިގެ ވަންހެޑޭ ސްޓޭޑިއަމްގައި ކުޅުނު މިމެޗް އިންޑިއަންސް އިން ކާމިޔާބު ކުރީ 27 ލަނޑުންނެވެ.
މިމެޗްގެ ޓޮސް ދިމާވުމުން ޓައިޓަންސް އިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން އިންޑިއަންސް އިން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 218 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 103 ލަނޑު ހަދާ ސެންޗަރީއެއް ހެދި ސޫރްޔަކުމާރު ޔާދަވްއެވެ. އޭނާ މިސެންޗަރީ 49 ބޯޅައިން ހެދިއުރު 11 ފަހަރު ހަތަރަކަށާއި ހަ ފަހަރު ހަޔަކަށް ޖަހާފައިވެއެވެ. މިއީނިންގްސްގައި ޓައިޓަންސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 30 ލަނޑަށް 4 ވިކެޓް ނަގާދިން ރާޝިދު ހާންއެވެ.
ޖަވާބުގައި ޓައިޓަންސްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 191 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 79 ލަނޑު ހަދާދިން ރާޝިދުއެވެ. މީގެއިތުރުން ޑޭވިޑް މިލަރވަނީ 41 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި އިންޑިއަންސްއަށް އެންމެ ރަނގަޅަށް އުޚާފައިވަނީ ހަތަރު އޯވަރު 31 ލަނޑަށް 3 ވިކެޓް ނަގާދިން އާކާޝް މަދުވާލްއެވެ.
މިކާމިޔާބީއާއެކު މުންބާއި އިންޑިއަންސް މިހާރުވަނީ އެޓީމް ކުޅުނު 12 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ގުޖުރާތު ޓައިޓަންސް މިމެޗުން ބަލިވުމާއެކުވެސް އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ.