އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ އީސްޓަން ކޮންފަރެންސް ފައިނަލުގެ ފުރަތަމަ ޖާގަ މައޭމީ ހީޓުން ކަށަވަރުކޮށްފިއެވެ.
މިމުބާރާތުގެ އީސްޓަން ކޮންފަރެންސްގެ ފައިނަލްގެ ޖާގައެއް އަށްވަނައަށް ސީޑް ކުރެވިފައިވާ ހީޓްއިން ކަށަވަރުކުރީ ކޮންފަރެންސް ސެމީފައިނަލްގައި ނިއުޔޯކް ނިކްސް އާއި ބައްދަލު ކޮށް ހަތަރު މެޗް ދެމެދުން އެސީރީޒް ކާމިޔާބުކޮށްގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ހަވަނަ މެޗް ހީޓްއިން ކާމިޔާބުކުރީ 96 ޕޮއިންޓް 92 ޕޮއިންޓުންނެވެ. މައޭމީގެ ކަސޭޔާ ސެންޓަރގައި ކުޅުނު މިމެޗްގައި ހީޓްގެ ޖިމީ ބަޓްލަރވަނީ 24 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 41 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ޖަލެން ބްރުންސަންއެވެ. މިކާމިޔާބީއާއެކު އީސްޓަން ކޮންފަރެންސްއިން ފައިނަލަށް ދިޔަ ފުރަތަމަ ޓީމަށް މިވަނީ ހީޓް ވެގެން ގޮސްފައެވެ. ފައިނަލްގައި ހީޓް ބައްދަލުކުރާނީ ދެވަނައަށް ސީޑް ކުރެވިފައިވާ ބޮސްޓަން ސެލްޓިކްސް އާއި ތިންވަނަށް ސީޑް ކުރެވިފައިވާ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްގެ މެދުގައި މިހާރު ކުޅެމުންދާ ސެމީފައިނަލް ސީރީޒް ކާމިޔާބު ކުރާ ޓީމަކާއެވެ. މިސީރީޒް މިހާރު އޮތީ ތިން މެޗް ތިން މެޗުން އެއްވަރު ވެފައެވެ. އަދި ހަތްވަނަ މެޗް ކާމިޔާބު ކުރާ ޓީމެއް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރު ކުރާނެއެވެ.
މީގެއިތުރުން މިމުބާރާތުގެ ވެސްޓަން ކޮންފަރެންސްގެ ފައިނަލުން ވަނީ ހަތްވަނައަށް ސީޑް ކުރެވިފައިވާ ލޮސް އެންޖަލިސް ލޭކަރސްވެސް ޖާގަހޯދާފައެވެ. ލޭކަރސް ޖާގަހޯދީ ކޮންފަރެންސް ސެމީފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއަރސް ހަތަރު މެޗް 2މެޗުން ބަލިކޮށްގެންނެވެ. މިދެޓީމްގެ މެދުގައި މިއަދު ހެނދުނު ކުޅުނު ހަވަނަ މެޗް 122 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ލޭކަރސްއެވެ.
ލޮސް އެންޖަލިސްގައި ކުޅުނު މިމެޗްގައި ލޭކަރސްގެ ލެބްރޮން ޖޭމްސް ވަނީ 30 ޕޮއިންޓް ހޯދާދީ 9ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ. ވޮރިއަރސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 5 އެސިސްޓް ދިން ސްޓެފަން ކަރީއެވެ. މިކާމިޔާބީއާއެކު ވެސްޓަން ކޮންފަރެންސްގެ ފައިނަލުން ލޭކަރސް ޖާގަހޯދާފައިވާއިރު ފައިނަލްގައި އެޓީމް ބައްދަލުކުރާނީ އެއްވަނައަށް ސީޑް ކުރެވިފައިވާ ޑެންވަރ ނަގެޓްސް އާއެވެ. ނަގެޓްސް ފައިނަލުން ޖާގަހޯދީ ފީނިކްސް ސަންސް ސެމިފައިނަލްގައި ހަތަރު މެޗް 2މެޗުން ބަލިކޮށްގެންނެވެ.