ކުޅިވަރު

ޔޫވީ އަތުންވެސް ސަސްއަށް ފަސޭހަ މޮޅެއް


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދެވަނަ މޮޅު ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ސަސް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ސަސް މޮޅުވިއިރު، ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ކުލަބު ގްރީން ސްޓްރީޓްސް އަތުން ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި މެޗު ފަށައިގެން ސަސްއިން ގަނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ ކުރީކޮޅު އެ ޓީމުގެ އަލީ ނަސޫހް ރަޝީދު ފޮނުވާލި ހަމަލާއެއް ޔޫވީގެ ގޯލްކީޕަރު އަލީ ނާޖިހު ވަނީ މަަތަކޮށްފައެވެ. އެކަމަކު މެޗުގެ 11 ވަނަ މިނެޓުގައި އައިހަމް އަޙްމަދު ތަނަވަސްކޮށްދިން ފުރުސަތެއްގައި މުޅިން ހުހަށްހުރެ ނަސޫހް ވަނީ ސަސްއަށް ލީޑު ނަގައިދީފައެވެ.

މި މެޗުގައި ސަސްއިން ލީޑު ފުޅާކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިހަމެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ޔޫވީން ކުޅުން ރަނގަޅުކުރިއިރު، މި ހާފުގެ ކުރީކޮޅު އެ ޓީމަށް ވަނީ ފަރަގު ކުޑަކުރަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އޭރިއާ ތެރެއިން އެ ޓީމުގެ އަޙްމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) އަށް ލިބުނު ބޯޅަ ކޮންްޓްރޯލް ނުކުރެވުނުއިރު، އަރީން އަބްދުﷲ އިބްރާހީމަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި ގޯލްކީޕަރު އަބްދުﷲ ޒިމާމް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި މެޗުގައި ސަސްއިން އެ ޓީމުގެ ފަހު ލަނޑު ކާމިޔާބުކުރީ މެޗުގެ 65 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަސޫހެވެ. އޭގެ ފަހުން މެޗުގެ ފަހު ކޮޅު ޔޫވީގެ ބައްސާމް ހުރަސްކޮށްދިން ބޯޅައެއްގައި މުޙައްމަދު ހުސެއިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި މޮޅާއެކު ސަސްއިން ލީގުގެ ފެށުން ވަރުގަދަ ފެށުން ދެމެހެއްޓިއިރު، ޔޫވީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. އެގޮތުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ބަލިވީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 7-2 ގެ ނަތީޖާއަކުންނެވެ.