އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް އެންމެ ފަހުގެ ޗެމަޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގައި ޖެހިޖެހިގެން ދެވަނަ މޮޅު ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު މާޒިޔާ ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން މާޒިޔާ ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 7-2 އިން މޮޅުވެފައެވެ.
މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ އެގާރައިގައި އަލީ ފާސިރު (ސެންޓޭ) ވަނީ ހިމަނާފައެވެ. އަދި އޭނާގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ.
މެޗުގައި މާޒިޔާއިން ލީޑު ނެގީ 16 ވަނަ މިނެޓުގައެވެ. ހަސަން ނަޒީމް ގާސިމް (ޗޯޓު) އަރިމަތިން ނަގައިިދިން ހުރަހަކުން ސެންޓޭ ފައިގައި ޖެހިފަ ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ.
ފުރަތަމަ ހާފުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި މާޒިޔާއިން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ހަންނަ ތަނަވަސްކޮށްދިން ބޯޅައަކުން ސެންޓޭ މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އޭގެ ހަ މިނެޓު ފަހުން ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މިއީ ހަންނަ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި މެޗުގައި މާޒިޔާއިން ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ހަމްޕު ނެގި ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަމޫހު އަލީ (ސަމުއްޓެ) އެވެ.
މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި އެ ޓީމުގެ ސާބިއާ ފޯވާޑް ސްޓެފަން މިހަލޮވިޗެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައި އޭރިއާ ބޭރުން ދުރު ކަނަށް ބޯޅަ އަމާޒުކޮށްގެންނެވެ.
މި މެޗުގެ ފަހުކޮޅު ގްރީން ސްޓްރީޓްސްއިން ކުޅެން ޖެހުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އެއީ ދެ ރީނދޫ ކާޑާއެކު އެ ޓީމުގެ ޑިފެންޑަރު އިބްރާހީމް ހަސީބަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.
މި މެޗުން ގްރީން ސްޓްރީޓްސް ބަލިވިއިރު، ލީގުގައި ކުޅުނު ފުރަތަމަ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އެ މެޗުން ގްރީން ސްޓްރީޓްސް ބަލިވީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 5-1 ގެ ނަތީޖާއަކުންނެވެ.