ކުޅިވަރު

އައިއެޗްއެފް ޓްރޮފީ: ބަންގްލަދޭޝް އަތުން ރާއްޖޭގެ ޒުވާން ދެ ޓީމުވެސް ބަލިވެއްޖެ


އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.

ރާއްޖެ އާއި ބަންގްލަދޭޝް އާއެކު މި މުބާރާތުގައި ދެން ވާދަކުރަނީ ނޭޕާލާއި އިންޑިއާއެވެ. މިއިން ކޮންމެ ޤައުމަކުން ވެސް އެ ގައުމެއްގެ 17 އަހަރުންދަށާއި 19 އަހަރުންދަށުގެ ޓީމު ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމު ކުޅުނު މެޗުން ބަލިވީ ބޮޑު ތަފާތަކުންނެވެ. އެއީ 48-10 އިންނެވެ. މެޗު ފަށައިގެން ބަންގްލަދޭޝް ދިޔައީ ބޮޑު ލީޑެއްގައި ކުރި ހޯދަމުންނެވެ. ދެވަނަ މެޗުގައި ރާއްޖޭގެ 19 އަހަރުންދަށުގެ ޓީމު ބަލިވީ 21-38 އިންނެވެ. މި މެޗުގައި ދިވެހި ޓީމުން ވަނީ ބޮޑުބައި ރަނގަޅަށް ކުޅެފައެވެ.

މި މެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ވަޑައިގެންފައެވެ. އަދި ޓީމާ ބައްދަލުކުރައްވާ ހިތްވަރުދެއްވާފައިވެއެވެ.

މުބާރާތުގެ ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ މި މުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ ޓީމު ކަމަށްވާ އިންޑިއާ އާއެވެ. އަދި ލީގު އުސޫލުން ކުޅޭ މުބާރާތުގެ ފަހު މެޗުގައި ބައްދަލުކުރާނީ ނޭޕާލާއެވެ. މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުން ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލުގައި ވާދަކުރާނެއެވެ. އަދި ބްރޮންޒް މެޑަލް މެޗުގައި ވާދަކުރާނީ ތިންވަނަ އަދި ހަތަރުވަނަ ޓީމެވެ.

މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ޒުވާން ދެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗެވެ.