އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ވުލްވަހެމްޕްޓަން ވޮންޑާސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، އަންނަ ސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ޔުނައިޓެޑުން ބޮޑުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗް ޔުނައިޓެޑުން ކާމިޔާބުކުރީ 0-2ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނު މިމެޗްގައި ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ގިނައިރު ބޯޅަ ގެންގުޅެފައިވަނީ ވުލްވްސްއިންނެވެ. ޔުނައިޓެޑްގެ އެންމެ މުހިންމު ފޯވަޑް މާކަސް ރަޝްފަޑްގެ ފަޔަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން އޭނާ އާއި ނުލާ ކުޅުނު މިމެޗުގައި އެޓީމްގެ ފުރަތަމަ ލަނޑު، މެޗުގެ 32 ވަނަ މިނެޓްގައި ޖަހާދިނީ އެންތަނީ މާޝިއަލްއެވެ. މިއީ އެންތަނީ ވަރަށް ރީތިކޮށް ހުސްކޮށްލާފައި މާޝިއަލްއަށް ނަތަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކުރި ލަނޑެކެވެ.
ޔުނައިޓެޑުގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ޒުވާން ކުޅުންތެރިޔާ އަލެހަންދްރޯ ގަނާޗޯއެވެ.
މިމެޗްގައި ވުލްވްސްއަށް ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މިކާމިޔާބީއާއެކު ޔުނައިޓެޑުން ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ބޮޑުކޮށްފައެވެ. ތާވަލުގެ 4 ވަނައިގައި ޔުނައިޓެޑް އޮތީ މިހާތަނަށް ކުޅުނު 35 މެޗުން ލިބުނު 66 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ދެމެޗުންވެސް ބަލިވެފައި އޮތުމުން 5 ވަނައިގައި އޮތް ލިވަޕޫލަށް ހަތަރު ވަނައަށް އެރުމުގެ ހަނި ދޮރެއް ހުޅުވިގެން ދިޔަނަމަވެސް މިކާމިޔާބީއާއެކު މިހާރު ވަނީ އަނެއްކާ ހަތަރު ޕޮއިންޓްގެ ފަރަގެއް މިދެޓީމްގެ މެދަށް އައިސްފައެވެ. މިމެޗުން ބަލިވުމުން ވުލްވްސް މިހާރު އޮތީ 36 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.