ކުޅިވަރު

އިޓާލިއަން އޯޕަން: ތިންވަނަ ބުރުން އަލްކަރާޒް ޖާގަ ހޯދައިފި


ރޯމްގައި މިހާރު ކުރިއަށްދާ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރުން ދެވަނައަށް ސީޑް ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ 3 ވަނަ ބުރުން އަލްކަރާޒް ޖާގަ ހޯދީ 2 ވަނަ ބުރުގައި ސީޑް ނުކުރެވޭ ސްޕެއިންގެ ކުޅުންތެރިއެއް ކަމަށްވާ އަލްބަރޓް ވިނޯލާސްއާއި ބައްދަލުކުރި މެޗު ސީދާ 2 ސެޓުން ކާމިޔާބުކޮށްގެންނެެވެ.

މިމެޗު އަލްކަރާޒްއަށް މާރަނގަޅަށް ނުފެށުނު ނަމަވެސް މާގިނައިރުތަކެއް ނުވެ، މެޗްގެ ތެރެއަށް ވަދެ ހައެއް ހަތަރެއް އަދި ހައެއް އެކަކުން މެޗު ކާމިޔާބު ކުރިއެވެ. މިކާމިޔާބީއާއެކު މިމަހުގެ 22 ވަނަ ދުވަހު އާންމުކުރާ ދުނިޔޭގެ ރޭންކިންގައި އަނެއްކާވެސް 1 ވަނަ މަގާމަށް އަރާނެކަން އަލްކަރާޒް މިވަނީ ކަށަވަރުކޮށްފައެވެ.

މިއަހަރު ބާސެލޯނާއާއި މެޑްރިޑްގައި ބޭއްވި މުބާރާތްވެސް ކާމިޔާބުކޮށްފައިވާ އަލްކަރާޒް މިހާރު މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި ފަސްވަނަ މުބާރާތް ކާމިޔާބު ކުރުމަށެވެ. އަދި ކްލޭ ކޯޓްގައި ހަތަރު ވަނަ މުބާރާތް ކާމިޔާބު ކުރުމަށެވެ.

މެޗަށްފަހު ވާހަކަދައްކަމުން އަލްކަރާޒް ހާމަކުރިގޮތުގައި ކޮންމެ މުބާރާތެއްގެވެސް ފެށުން އޭނާއަށް ކުޑަކޮށް އުނދަގޫވާކަމަށާއި އެގޮތުން މިމެޗްގައިވެސް އެކަން ފެނިގެންދިޔައީކަމަށެވެ. މިމެޗް ފެށުނު ތަނާހެން ވިނޯލާސް ވަނީ ބްރޭކްކޮށްފައެވެ. ނަމަވެސް އަލްކަރާޒް ވަނީ ފުރަތަމަ ސެޓްގެ ހަތަރު ވަނަ ގޭމްއައިއިރު އެއްވަރުކޮށްފައެވެ. އަދި މިމެޗްގައި ދެއްކުނު ކުޅުމާމެދު ހިތްހަމަޖެހޭކަމަށްވެސް އޭނާ ހާމަކުރިއެވެ.