ކުޅިވަރު

ޑެއްލީ ކެޕިޓަލްސް އަތުން ޕަންޖާބް ކިންގްސްއަށް މޮޅެއް


އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގައި ޑެއްލީ ކެޕިޓަލްސްއާ ދެކޮޅަށް ކުޅުނު މެޗު ޕަންޖާބް ކިންގްސްއިން ކާމިޔާބުކޮށްފިއެވެ.

ދިއްލީގެ އަރުން ޖައިޓްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ކިންގްސް ކާމިޔާބުކުރީ 31 ލަނޑުންނެވެ.

މިމެޗްގައި ޓޮސް ދިމާވުމުން ކެޕިޓަލްސްއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރުމަށެވެ. މިގޮތުން ކިންގްސްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 167 ލަނޑެވެ.

އެޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 103 ލަނޑު ހަދާ ސެންޗަރީއެއް ހަމަކުރި ޕްރަބްސިމްރާން ސިންގްއެވެ. މި އިނިންގްސްގައި ކެޕިޓަލްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 3 އޯވަރު 27 ލަނޑަށް ދެވިކެޓް ނަގާދިން އިޝާންތު ޝަރްމާއެވެ.

ޖަވާބުގައި ކުޅެން އަރާ ކެޕިޓަލްސްއަށް 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން ހެދުނީ 136 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 54 ލަނޑު ހަދާދިން ކެޕްޓަން ޑޭވިޑް ވޯނަރއެެވެ. އަދި ފިލް ސޯލްޓް ވަނީ 21 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި ކިންގްސްއަށް އެންމެ ރަނގަަޅަށް އުކާފައިވަނީ ހަތަރު އޯވަރު 30 ލަނޑަށް 4 ވިކެޓް ނަގާދިން ހަރްޕްރީތު ބްރާރްއެވެ. އަދި ރާހުލް ޗަހާރު އާއި ނޭތަން އެލިސް ވަނީ ކޮންމެ ކުޅުންތެރިއަކު ދެވިކެޓް ނަގާދީފައެވެ.