11 އަހަރަށްފަހު ސައުތެމްޕްޓަން އިނގިރޭސި ޕްރިމިއަރ ލީގުން ރެލިގޭޓް ވެއްޖެއެވެ.
ސަައުތެމްޕްޓަން ރެލިގޭޓްވިކަން ޔަގީންވެގެންދިޔައީ ރޭ ފުލަމްއާއި ބައްދަލުކުރި މެޗުން ބަލިވުމުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ސައުތެމްޕްޓަން ބަލިވެފައިވަނީ 2 ލަނޑު ސުންލަނޑުންނެވެ. ސައުތެމްޕްޓަންއިން 36 މެޗް ކުޅުނުއިރު އެޓީމަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. އަދި ބާކީ އެޓީމަށް ދެމެޗް އޮތުމުން އެދެމެޗް ކާމިޔާބުކުރި ނަމަވެސް އެޓީމަށް އެންމެ ގިނަވެގެންވެސް ލިބޭނީ 30 ޕޮއިންޓެވެ. އަދި ތާވަލްގެ 17 ވަނައިގައި މިވަގުތު އުޅޭ އެވަޓަންއަށް މިހާރުވެސް 32 ޕޮއިންޓް ލިބިފައިވެއެވެ. އެހެންކަމުން ރޭގެ ނަތީޖާއާއެކު މިއަންނަ ސީޒަންގައި ސައުތެމްޕްޓަން ދެން ފެނިގެންދާނީ ޗެމްޕިއަންޝިޕުންކަން މިހާރު ވަނީ ޔަގީންވެގެން ގޮސްފައެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި ފުލަމްއިން ވަނީ މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ކާލޯސް ވިނީޝިއަސްއެވެ. އަދި މިމެޗްގައި ފުލަމްގެ ދެވަަނަ ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހާދިނީ އަށް މެޗްގެ ސަސްޕެންޝަން ފުރިހަމަކުރުމަށްފަހު ރޭގެ މެޗްގައި ފުރަތަމަ ފަހަރަށް ކުޅުނު އެލެގްޒެންޑަރ މިޓްރޮވިޗްއެެވެ. މިއީ އޭނާ ފުލަމްއަށް ލީގުގައި މިފަހަރު ކާމިޔާބުކޮށްދިން 12 ވަނަ ލަނޑެވެ.
މިމެޗުން މޮޅުވުން މަޖްބޫރުކަން އެނގުނުނަމަވެސް ސައުތެމްޕްޓަންގެ ފަރާތުން އެވަރުގެ ކުޅުމެއް ދެއްކި ތަނެއް ފެނިގެނެއް ނުދިޔައެވެ. އެޓީމް އެންމެފަހުން ކުޅުނު 11 މެޗުން ހޯދިފައި ވަނީ އެންމެ ތިން ޕޮއިންޓެވެ. މިމެޗް ބައްލަވާލެއްވުމަށް ސައުތެމްްޕްޓަންގެ ސަޕޯޓަރެއް ކަމަށްވާ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނާކްވެސް ދަނޑަށް ވަޑައިގެން އިންނެވިއެވެ.