އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ފަހު ވަގުތު ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، ބުރު ސްޕޯޓްސް ކުލަބުން ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ބުރު ސްޕޯޓްސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މިއީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ކޮލިފިކޭޝަން ކުޅެގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސްއިން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ކުލަބު އީގަލްސް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، މި ހާފު ޑޮމިނޭޓުކޮށްގެން ކުޅުނީ ޓީސީންނެވެ. އަދި އެ ޓީމުން ވަނީ މި ހާފުގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެ ޓީމުގެ ހައިސަމް ރަޝީދު ލަނދެއް ޖެހި ނަމަވެސް، ރެފރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. އަދި ކޯނަރެއްގައި ޓީސީގެ ކެޕްޓަން މުޙައްމަދު އަޖުފާން ހުހަށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ހުރަސް ދަނޑިމަތިން ބޭރަށެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޓީސީގެ އަބްދުލް ވާހިދު އިބްރާހީމް ނެގި ކޯނަރެއް ސީދާ ގޯލަށް ވަންނަން ދަނިކޮށް ގޯލްކީޕަރު އަބްދުﷲ އަރުޝަން ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ޒަޔާން ނަސީރު ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގައި ބުރު ސްޕޯޓްސްއަށް މާގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާއިރު، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ބުރު ސްޕޯޓްސްގެ އަލީ ހަމްދާނަށް ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ޓީސީގެ މުޙައްމަދު އައިހަމަށް ކުރި ފައުލަކާ ގުޅިގެންނެވެ.
އެއާއެކު މެޗުގެ ފަހު ކޮޅު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން އައި ބުރު ސްޕޯޓްސްއިން ލީޑު ނެގީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނާއިމެވެ.
މި މެޗު މޮޅުވެ ބުރު ސްޕޯޓްސްއިން ލީގުގައި ފުރަތަމަ މޮޅު ހޯދިއިރު، މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި އެ ޓީމު ވާދަކުރި ފުރަތަމަ މުބާރާތަކީ ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕެވެ. ޕްރެޒިޑެންޓްސް ކަޕްގައި ބުރު ސްޕޯޓްސްއިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެ ޓީމު ބަލިވި ނަމަވެސް، ގްރޫޕް ސްޓޭޖުގައި ބުރު ސްޕޯޓްސް ވަނީ ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފައެވެ.