ކުޅިވަރު

ސްކޫލްތަކުގެ މެދުގައި ބާއްވާ އެތުލެޓިކްސްގެ އެންމެ ބޮޑު ޢީދު ހުޅުމާލޭގައި ފަށައިފި


މުޅި ރާއްޖޭގެ 47 ސްކޫލަކާއެކު ފޯރިގަދަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް ހުޅުމާލޭގައި ފަށައިފިއެވެ.

މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ. މީގެއިތުރުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާއްވާ މި މުބާރާތުގައި މިއަހަރު ރާއްޖޭގެ 47 ސްކޫލަކުން 1500 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ. މިއަހަރުގެ މުބާރާތުގައި މާލޭގެ 22 ސްކޫލެއް ވާދަކުރާއިރު އަތޮޅުތަކުން 25 ސްކޫލް ވާދަކުރެއެވެ. އަތޮޅުތަކުން ވާދަކުރާ ސްކޫލުތަކުގެ ތެރޭގައި އައްޑޫގެ ނުވަ ސްކޫލަކާއި ކުޅުދުއްފުށީގެ ތިން ސްކޫލް ހިމެނެއެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޕެޝަލް އޮލިމްޕިކްސްގެ ޚާއްސަ ދުވުންތަކެއް ވަނީ ބާއްވާފައެވެ. އަދި އެ ދުވުންތަކަށް ފަހު ކޮންމެ ކުއްޖަކަށް މެޑަލް އާއި ސެޓްފިކެޓެއް ދީފައިވެއެވެ. ދުވުން ކުރިޔަށްދިޔައިރު މުބާރާތުގައި ބައިވެރިވި ސްކޫލް ކުދިން ވަނީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ދުވުންތެރިންނަށް ހިތްވަރުދީފައެވެ.

މިދިޔަ އަހަރުގެ މުބާރާތުގައިި ޖޫނިއަރ ގިނަ ރެކޯޑުތަކެއް ވަނީ މުގުރާލާފައެވެ. އެގޮތުން ޖޫނިއަރ އަދި ސްކޫލުން ރެކޯޑުތައް އެއްކޮށް ޖުމްލަ 32 ރެކޯޑެެއް މިދިޔަ އަހަރު ވަނީ މުގުރާލާފައެވެ. ޖުމްލަ 102 އިވެންޓެއް މިދިޔަ އަހަރު ކުރިޔަށްދިޔައިރު، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ސްކޫލްތަކަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒާއި، ފުވައްމުލަކުގެ މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.

1800 އަށްވުރެ ގިނަ ކުދިން މިދިޔަ އަހަރު ބައިވެރިވިއިރު އަތޮޅުތަކުގެ ސްކޫލުތަކުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.