އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ވެލެންސިއާ ބަލިކޮށް، ކުލަބު އީގަލްސްއިން ދެވަނަ މޮޅު ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން އީގަލްސް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން އީގަލްސް މޮޅުވިއިރު، ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބުރު ސްޕޯޓްސް ކުލަބު އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ ކުރީކޮޅު އީގަލްސްގެ ކެޕްޓަން އަޙްމަދު ރިޒްވާން (ރިޒޭ) އަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) ފޮނުވާލި ހަމަލާއެއް ގޯލަށް ވަންނަށް ދަނިކޮށް ބޯޅަ ހުއްޓުނީ ގޯލު ކުރިމަތީ އޮތް ފެންގަނޑުގައި ޖެހިފައެވެ.
މި މެޗުގެ 21 ވަނަ މިނެޓުގައި އޭރިާ ތެރެއިން ރިޒޭ ފޮނުވާލި އިތުރު ހަމަލާއެއް ދަނޑި ކައިރިން ބޭރަށް ދިޔައިރު، މެޗުގެ 36 ވަނަ މިނެޓުގައި ވެލެންސިއާގެ އީތަން އިބްރާހީމް ޒަކީއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ބްލޮކުކުރީ އީގަލްސްގެ ފުލްބެކް އިބްރާހީމް މައިޝާންއެވެ.
މި މެޗުގައި އީގަލްސްއިން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލުގެ ފޯވާޑް އިވާން ކާލޯސްއެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އޭރިއާ ބޭރުން ވެލެންސިއާގެ ޔާމީން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އީގަލްސްގެ ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް ވަނީ މަތަކޮށްފައެވެ. އަދި މެޗުގެ 61 ވަނަ މިނެޓުގައި އީގަލްސްގެ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު އާދަމް އިމްއާން ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި އީގަލްސްއިން ލީޑު ފުޅާކުރީ މެޗުގެ 64 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޒޭއެވެ. މިއީ އޭރިއާ ތެރެއިން ވެލެންސިއާގެ ކެޕްޓަން ހަސަން ސުފިއާނުގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން މެޗުގެ 84 ވަނަ މިނެޓުގައި ރިޒޭ ދިން ބޯޅައަކުން ފޭދޫ އިއްބެ ވަނީ އީގަލްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މެޗުންވެސް ވެލެންސިއާ ބަލިވިއިރު، ލީގުގައި ކުޅުނު ފުރަތަމަ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުން ވެލެންސިއާ ބަލިވީ ޓީސީ ސްޕޯޓްސް ކުލަބު އަތުން 2-0 ގެ ނަތީޖާއަކުންނެވެ.