ހުޅުމާލޭގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ފުރަތަމަ ދުވަހު ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ އުއްމީދީ ތަރި އަހުނާ ނިޒާރު ޓްރިޕަލް ޖަމްޕުގެ ޤައުމީ ރިކޯޑު މުގުރާލައިފިއެވެ.
އަހުނާ މި ރެކޯޑު މުގުރާލީ ސަތާރަ އަހަރުން ދަށުގެ އަންހެން ބައިގެ ޓްރިޕަލް ޖަމްޕްގައި 10.63 މީޓަރަށް ފުންމައިގެންނެވެ. މި ރެކޯޑު އެންމެ ފަހުން އޮތީ މިއަހަރުގެ މާރޗް މަހު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ވާދަކުރި ނޫރާ ޢަބްދުލްޙަމީދު އަތުގައެވެ. އެފަހަރު އޭނާ ވަނީ 10.46 މީޓަރު ދުރަށް ފުންމާފައެވެ.
މިބައިގެ ދެވަނަ ހޯދާފައިވަނީ 8.71 މީޓަރު ދުރަށް ފުންމައިގެން ރެހެންދި ސްކޫލްގެ ޙަނާން އަޙްމަދު ޒާހިރެވެ. އަދި ތިންވަނަ ހޯދާފައިވަނީ 8.68 މީޓަރަށް ފުންމައިގެން ކަނޑުހުޅުދޫ ސްކޫލްގެ މަރްޔަމް ނޫޔާން ނިޔާޒެވެ.
އަހުނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ޤައުމީ ގިނަ ރެކޯޑުތަކެއް އާކޮށްފައެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވެފައިވަނީ އަރަމުން އަންނަ އެންމެ ޒުވާން، އުއްމީދީ އެތްލީޓުންގެ ތެރޭގައެވެ.
މިއަހަރުގެ އިންޓަސްކޫލް އެތްލެޓިކްސް މުބާރާތުގައި ރާއްޖޭގެ 47 ސްކޫލަކުން 1500 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ. މިއަހަރުގެ މުބާރާތުގައި މާލޭގެ 22 ސްކޫލެއް ވާދަކުރާއިރު އަތޮޅުތަކުން 25 ސްކޫލް ވާދަކުރެއެވެ
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށްދާ އިންޓަ ސްކޫލް މުބާރާތުގެ އިވެންޓުތައް ކުރިޔަށްދާނީ ކޮންމެ ދުވަހަކު ހެނދުނު 7-11 އަދި ހަވީރު 3 އިން 6 އަށެވެ.