މާލޭ ކުޅިވަރު އެކުވެނީގެ ނެޓްބޯޅަ ކޯޓުގެ ރޮސްޓްރަމްގެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ލިޓްލް ނިއު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް އެ ކުންފުންޏައި ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޙައްމަދެވެ. އަދި ލިޓްލް ނިއު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު، އިބްރާހީމް ހުމައިދެވެ.
މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،829،144.53 (ހަތަރު މިލިއަން އަށްލައްކަ ނަވާވީސްހާސް އެއްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ފަންސާސް ތިން ލާރި) އަށެވެ.
ކުރީގެ ސަރުކާރުތަކުން ނެޓްބޯޅައަށް އިހުމާލުވެފައިވާކަމަށާއި، ނަމަވެސް މި ސަރުކާރުގެ އެހީތެރިކަމާއެކު ނެޓްބޯޅަ އެސޯސިއޭޝަން އަލުން ކޮޅަށް ޖަހާ، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދެމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން މި ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓެއް ޤާއިމުކޮށްދީފައެވެ. މި ނެޓްބޯޅަ ކޯޓަށް ދުނިޔޭގެ ނެޓްބޯޅައިގެ މައި އިދާރާގެ ސަމާލުކަން ވެސް ހުއްޓުނެވެ.