ވޮލީބޯޅައިގެ ފޯރިގަދަ ރަށްތަކުގެ ތެރޭގައި ހިމެނޭ ދ. ކުޑަހުވަދޫގައި ޤާއިމުކުރާ އައުޓްޑޯ ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
މަސައްކަތް ރަސްމީކޮށް ހަވާލުކުރީ މެކްސްޓަރ މޯލްޑިވްސްއާއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ފުއާދެވެ. އަދި މެކްސްޓަރ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މުހައްމަދު އިބްރާހީމެވެ.
ޖުމްލަ 35 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވާ އަގަކީ 1،374،178.01 (އެއް މިލިއަން ތިންލައްކަ ހަތްދިހަ ހަތަރުހާސް އެއްސަތޭކަ ހަތްދިހަ އަށްރުފިޔާ، އެއްލާރި) އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ވޮލީބޯޅަ ކޯޓުތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ރަށްތަކެއްގައި ވަނީ ޒަމާނީ ފެންވަރުގެ ކޯޓުތަކެއް ޤާއިމުކޮށްފައެވެ.