އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަން ބަލިކޮށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމާއި ގާތަށް، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ޖެހިލައިފިއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީން ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.
ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ސިޓީއަށް ކާމިޔާބުކޮށްދިނީ އެޓީމަށް 300 ވަނަ މެޗް ކުޅެމުންދިޔަ ތަޖްރިބާކާރު ކެޕްޓަން އިލްކައި ގުންޑޮގާންއެވެ. އަދި އޭގެ ދެމިނެޓްފަހުން އާރލިންގ ހާލަންޑް ވަނީ ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ހާލަންޑް މިސީޒަންގައި ކާމިޔާބުކުރި 52 ވަނަ ލަނޑެވެ. މިމެޗްގައ ިސިޓީގެ ފަހު ލަނޑު 51 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ގުންޑޮގާންއެވެ. މިމެޗްގައި އެވަޓަންއިންވެސް ދޭތެރެ ދޭތެރެއިން ސިޓީގެ ގޯލަށް ނުރައްކާކުރި ނަމަވެސް އެޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު ސިޓީއަށް މިހާރު މިވަނީ 35 މެޗުން ލިބިފައިވާ 85 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އަދި ތާވަލްގެ ދެވަނައިގައި އުޅޭ އާސެނަލް ރޭ ބަލިވުމުމާއެކު މިއަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ޗެލްސީ އާއި ބައްދަލުކުރާ މެޗް ކާމިޔާބު ކޮށްފި ނަމަ ސިޓީއަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް އަދި ވޭތުވެދިޔަ ހަ ސީޒަންގައި ފަސްވަނަ ފަހަރަށް ލީގު ކާމިޔާބު ކުރެވިގެންދާނެއެވެ. އަދި އެދުވަހު އެމެޗް ކުޅުމުގެ ކުރިން އާސެނަލް އާއި، ނޮޓިންގހަމް ފޮރެސްޓް ބައްދަލުކުރާ މެޗުން އާސެނަލް ބަލިވެއްޖެނަމަ ސިޓީ މެޗް ފެށުމުގެ ކުރިންވެސް އެޓީމަށް ލީގު ކާމިޔާބު ވުމުގެ ފުރުޞަތު އޮންނާނެއެވެ.