ކުޅިވަރު

ބްރައިޓަން އަތުން ބަލިވެ އާސެނަލަށް ފުރުޞަތު ހަނިވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އަތުން ބަލިވެ ލީގު ކާމިޔާބުކުރުމަށް އޮތް ފުރުޞަތު އާސެނަލަށް ހަނިވެއްޖެއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް ބްރައިޓަންއިން ކާމިޔާބުކުރީ ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި އާސެނަލުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާ ލަނޑެއް ޖެހުމާއި ވަރަށް ގާތަށް ގޮސްފައެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު މެޗްގައި އެވަޓަން އަތުން ލަނދުވެތި ގޮތަކަށް ބަލިވި ބްރައިޓަންގެ ޑިފެންސް މިމެޗްގައި ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކޮށެވެ.

މިމިމެޗްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑު ބްރައިޓަންއިން ނަގާފައިވަނީ މެޗްގެ 51 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޫލިއޯ އެންކީސޯއެވެ. މިލަނޑާއެކު އާސެނަލްއިން ލަނޑެއް ޖެހޭތޯ މަސައްކަތް އިތުރު ކުރިނަމަވެސް އެކަން އެޓީމަށް ކާމިޔާބުވާގޮތެއްނުވިއެވެ. އަދި މެޗްގެ 86 ވަނަ މިނެޓްގައި އާސެނަލްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގާ ބްރައިޓަންއިން އެޓީމްގެ ލީޑު ފުޅާކުރިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޑެނިސް އުންޑާވްއެވެ. އަދި މެޗްގެ އިތުރު ވަގުތުގެ ހަވަނަ މިނެޓްގައި ޕަރވިސް އެސްޓޫޕިނާންވަނީ ބްރައިޓަންގެ ފަހު ލަނޑު ޖަހާދީފައެވެ.

މިކާމިޔާބީއާއެކު ބްރައިޓަން އިން މިހާރު މިވަނީ 34 މެޗުން ލިބިފައިވާ 58 ޕޮއިންޓާއެކު ތައާވަލްގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިނާކާމިޔާބިއާއެކު އާސެނަލް އުޅެނީ 36 މެޗުން ލިބިފައިވާ 81 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އާސެނަލްއަށް ލީގުގައި މިހާރު ދެން ބާކީ އޮތީ ދެމެޗް ކަމުން ތައާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ މިއަންނަ އާދިއްތަ ދުވަހު ކުޅޭ މެޗް ކާމިޔާބުކޮށްފިނަމަ އެޓީމަށް ލީގު ކާމިޔާބު ކުރެވިގެންދާނެއެވެ.