އެސްޕަންޔޯލް ބަލިކޮށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ.
މިއީ 2018-2019 ވަނަ އަހަރުގެ ސީޒަނަށްފަހު ބާރސާއަށް މިމުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ބާސާއަށް ކަށަވަރު ވެގެންދިޔައީ އެސްޕަންޔޯލް އާއި ރޭ ބައްދަލުކުރިމެޗް 4 ލަނޑު 2ލަނޑުން ކާމިޔާބު ކުރުމާއެކުއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ވަގުތު ބާރސާއިން ބޯޅަ ގެންގުޅުނު ނަމަވެސް ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް ހަމަހަމަ ކޮށެެވެ. މި މެޗްގެ 11 ވަނަ މިނެޓްގައި ބާރސާއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މިފަހަރު ލީގުގައި އޭނާ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ.
މިމެޗްގެ 20 ވަނަ މިނެޓްގައި ބާރސާއިން ވަނީ އެޓީމްގެ ދެވަނަ ލަނޑާއެކު އެޓީމްގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލެހަންޑްރޯ ބާލްޑޭއެވެ. އަދި ލެވަންޑޯސްކީ ވަނީ މެޗްގެ 40 ވަނަ މިނެޓްގައި އިތުރު ލަނޑެއް ޖަހައި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާރސާއަށް ތިން ލަނޑުގެ ލީޑެއް ނަގާދީފައެވެ. މިމެޗްގައި ބާރސާގެ ފަހު ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދިނީ ޑިފެންޑަރ ޖޫލްސް ކޮއުންޑައެވެ. މިމެޗްގައި އެސްޕަންޔޯލްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ހާވިއޭ ޕުއާޑޯ ކާމިޔާބު ކޮށްދިން އިރު، ދެވަނަ ލަނޑު އިތުރު ވަގުތުގައި ޖަހާދިނީ ހޮސެލޫއެވެ.
މިކާމިޔާބީއާއެކު ބާރސާއަށް މިހާރުވަނީ 34 މެޗުން 85 ޕޮއިންޓް ލިބި ތައާވަލުގެ ދެވަނާގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ދެމެދު 14 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަދި މިމެޗުން ބަލިވުމާއެކު އެސްޕަންޔޯލް އުޅެނީ 34 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތައާވަލުގެ 19 ވަނައިގައެވެ. އަދި މިސީޒަންގައި ރެލިގޭޓް ވުމުގެ ބިރު އެޓީމަށް މިހާރު ވަރަށް ބޮޑަށް އެބައޮތެވެ.