ކުޅިވަރު

ޑަޗް ލީގުގެ ޗެމްޕިއަންކަން ފެޔެނޯޑަށް


އީގަލްސް ބަލިކޮށް ޑަޗް ލީގުގެ ޗެމްޕިއަންކަން ފެޔެނޯޑް ރޮޓަޑަމްއިން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ފެޔެނޯޑްއިން ހޯދީ، ގޯ އެހެޑް އީގަލްސް އާއި، ރޭ ބައްދަލުކުރިމެޗް 3 ލަނޑު ސުންލަނޑުން ކާމިޔާބު ކޮށްގެންނެވެ.

މިކާމިޔާބީއާއެކު ފެޔެނޯޑްއަށް މިހާރުވަނީ ތައާވަލުގައި އަށް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އަދި މިހާރު ކޮންމެ ޓީމަކަށް ބާކީ ދެމެޗް އޮތުމާއެކު ދެވަނައިގާ އެންމެ ގާތުން ވާދަކުރަމުންދާ ޕީއެސްވީ އެއިންދްހީވެންއަށް އެންމެ ގިނަވެގެންވެސް ދެން ލިބޭނީ 77 ޕޮއިންޓެވެ.

ފެޔެނޯޑްގެ ދަނޑުގައި ކުޅުނު މި މެޗްގައި ފެޔެނޯޑްއިން މެޗްގެ 15 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އުސާމާ އިދިރީސީއެވެ. އަދި އޭގެ ތިން މިނެޓްފަހުން ސަންތިއާގޯ ގިމެނޭޒްވަނީ އެޓީމްގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި ފެޔެނޯޑްގެ ތިންވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާދިނީ އީގޯ ޕައިޒާއޮއެވެ.

ފެޔެނޯޑްއަށް އެންމެ ފަހުން މިމުބާރާތް ކާމިޔާބު ކުރެވިފައިވަނީ 2017 ވަނަ އަަހަރުއެވެ. ފެޔެނޯޑްގެ ކޯޗް ކަމާއި 2021 ވަނަ އަހަރު ހަވާލުވި އާނަރ ސްލޮޓްވަނީ އެޓީމަށް ބޮޑުތި ބަދަލުތަކެއް ނެގެސް ގިނަ ކުރިއެރުންތަކެއް ގެނެސްފައެވެ. މިސީޒަންގައި ޑަޗް އެރެޑިވިސީގައި ތާވަލްގެ ދެވަނައިގާ ޕީއެސްވީ 71 ޕޮއިންޓާއެކު އުޅޭއިރު ތިންވަނައިގާ އުޅޭ އޭޒީ އާލްކްމަރއަށް ލިބިފައިވަނީ 64 ޕޮއިންޓެވެ.