ކުޅިވަރު

އިނގިރޭސި ވިމެންސް އެފްއޭ ކަޕުގެ ޗެމްޕިއަންކަން ޗެލްސީއަށް


އިނގިރޭސި ވިމެންސް އެފްއޭ ކަޕުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެލްސީން ހޯދައިފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ޗެލްސީން ހޯދީ ރޭ ކުޅުނު ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްގެންނެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.

މިމެޗް ވެގެންދިޔައީ މިހާތަނަށް އަންހެން ޑޮމެސްޓިކް މެޗެއް ބަލާލަށް އެންމެ ގިނަ ޢަދަދަކަށް ކުޅިބެލުންތެރިން ވަން މެޗަށެވެ. މިމެޗް ބަލާލުލަށް ހަތްދިހަ ހަތްހާސް ތިންސަތޭކަ ނުވަދިހަ ކުޅިބެލުންތެރިން ސްޓޭޑިއަމްއަށް ވަނީ ވަދެފައެވެ.

މިމެޗް ޔުނައިޓެޑުން ފެށީ ވަރަށް ފޯރިއާއެކުއެވެ. މިގޮތުން މެޗްގެ 23 ވަނަ ސިކުންތުގައި އެޓީމުން ލަނޑެއް ޖެހި ނަމަވެސް އެހަމަލާވަނީ އޮފްސައިޑް ކަމަށް ދައްކާފައެވެ. މިމެޗްގެ ދެވަނަ ހާފަށް ޗެލްސީ ނިކުތީ ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ ފަރާތުން ކުރިމަތިވި ހަމަލާތަކަށް ފުރިހަމައަށް ތައްޔަރުވެގެންނެވެ. މިގޮތުން މިހާފްގައި ޗެލްސީގެ ހަމަލާތައް އިތުރު ވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 68 ވަނަ މިނެޓްގައި މިމެޗްގެ ހަމައެކަނި ލަނޑު ސޭމް ކާރ އެ ޓީމަށް ލީޑު ނަގާދިނުމެވެ. މިއީ މިމުބާރާތުގައި ކާރ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.

މިކާމިޔާބީއާއެކު ޗެލްސީ ވަނީ 2008 ވަނަ އަހަރު އާސެނަލުން މިމުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރިފަހުން މިމުބާރާތް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ޓީމަށް ވެގެން ގޮސްފައެވެ.