ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ ޒުވާން އަންހެން ހޭންޑްބޯޅަ ދެ ޓީމުން ނޭޕާލް ބަލިކޮށް، މެޑެލް ހޯދުމުގެ އުއްމީދު އާކޮށްފިއެވެ.
މިއަދު މެންދުރު ކުޅުނު މެޗުން ރާއްޖޭގެ 17 އަހަރުން ދަށުގެ އަންހެން ޓީމުން ނޭޕާލް ބަލިކުރީ 42-11 އިންނެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ޒުވާން އަންހެން ޓީމެއް ކާމިޔާބުކުރި ފުރަތަމަ މެޗެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރުވެސް ރާއްޖެ އޮތީ 15 ލަނޑުގެ ލީޑަކާ އެކުގައެވެ. މި މެޗުގައި ނޭޕާލް ކޮޅަށް ރާއްޖެއިން ޖެހި 42 ލަނޑުގެ ތެރެއިން 10 ލަނޑު ޖަހައިދިނީ ފާތިމަތު އަމާނީ އަޙްމަދު ޝިޔާމެވެ. އަދި ހައްވާ މިލްހާނާ މުޙައްމަދު މާހިރު މި މެޗުގައި އަށް ލަނޑު ޖެހިއިރު، ފާތިމަތު އަޝާ ރަޝީދު ވަނީ ފަސް ލަނޑު ޖަހާފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން ނޭޕާލުގެ ޖޫނިއާ ޓީމު ބަލިކުރީ 25-10 އިންނެވެ. މި މެޗުގައި ރާއްޖޭގެ އައިޝަތު އިބާ އަޙްމަދު ފަސް ލަނޑު ޖެހިއިރު، ފާތިމަތު ޝާޔާ މުހައްމަދު ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްދީފައެވެ.
އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ހަތަރު ގައުމުން ލީގު ބުރެއް ކުޅުމަށްފަހު ފައިނަލުން ފުރުސަތު ލިބެނީ ލީގު ބުރުގެ ގަދަ ދެ ޓީމަށެވެ. މިއަދު ނޭޕާލް އަތުން ރާއްޖެ މޮޅުވުމުން ލީގު ބުރުގެ ތިންވަނަ ޓީމުގެ ގޮތުގައި ވާދަކުރާނީ ލޯ މެޑެލް މެޗުގައެވެ. މާދަމާ ކުޅޭ މި މެޗުގައިވެސް ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ތިންވަނަ ހޮވާ މެޗުގައި ރާއްޖޭގެ ޒުވާން ދެ ޓީމު ކުޅޭ މެޗުތައް އޮންނާނީ މާދަމާ ހަވީރެވެ.