ކުޅިވަރު

ދެކުނު އޭޝިއާގެ ޖޫނިއަރ ޓީޓީ މުބާރާތުގެ ޓީމު އިވެންޓުން ރާއްޖެއަށް ލޯ މެޑެލް


އިންޑިއާގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2023ގެ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމު އިވެންޓުން ރާއްޖެއިން ލޯ މެޑެލް ހޯދައިފިއެވެ.

އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ އިޓާނަގަރުގައި ފެށި މުބާރާތުގައި މި ސަރަހައްދުގެ 6 ގައުމަކުން އަންނަނީ ވާދަކުރަމުންނެވެ. އެއީ މުބާރާތް ބާއްވާ ގައުމު އިންޑިއާގެ އިތުރުން ނޭޕާލް، ބަންގްލަދޭޝް، ބޫޓާން، ސްރީލަންކާ އަދި ރާއްޖެއެވެ.

ޓީމް އިވެންޓަށް ބަލާއިރު، ރާއްޖެއިން ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ. އެކަމަކު މުބާރާތް ބާއްވާ ފޯމެޓަށް ބަލާއިރު، މުބާރާތުގެ ޓީމު އިވެންޓުގައި ބައިވެރިވެފައި ވަނީ ހަތަރު ގައުމުންނެވެ.

އަންހެން ބައިގެ ޓީމު އިވެންޓުގައި ނޭޕާލް އަތުންނާއި ސްރީލަންކާ އަތުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. ނޭޕާލް އަތުން 3-2 އިން ބަލިވިއިރު، ލަންކާ އަތުން ވެސް ބަލިވީ 3-2 އިންނެވެ. ދެ މެޗުގައިވެސް ރާއްޖެއިން ކާމިޔާބުކުރި ޓައިއަކީ ފާތިމަތު ދީމާ އަލީ ކުޅުނު ސިންގަލްސްތަކެވެ. މި މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލުން ރާއްޖޭގެ އަޚްޔާރު އާއި ދީމާ ވަނީ ޖާގަ ހޯދައިފައެވެ.

ދީމާ އާއި އަހްޔާރު ވަނީ ފުރަތަމަ މެޗުގައި ނޭޕާލްގެ ސުޖަން ގަދާލްއާއި ރާއީ ބިޔަންކާގެ ޕެއާ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. ފައިނަލްގައި ރާއްޖޭގެ ޕެއަ ނުކުންނާނީ އިންޑިއާގެ ވަރުގަދަ ޖަލިން ޕަޔާސް އާއި ޔަޝާސްވީނީގެ ޕެއާއާ ދެކޮޅަށެވެ.

ރާއްޖެއިން ވާދަކުރާ ޖޫނިއާ ޓީމުގައި ހިމެނެނީ ގައުމީ ޗެމްޕިއަން ދީމާ، މިޝްކާ މުހައްމަދު އިބްރާހިމް، މަލާކް ބިންތި މުއިއްޒު އަދި އައިޝަތު ޒާރާ ސާހިލްއެވެ. މި ކުޅުންތެރިންގެ ތެރެއިން ދިމާ، މާލާކް އަދި މިޝްކާ ވަނީ މިދިޔަ އަހަރު ރާއްޖޭގައި އޮތް ސަރަހައްދީ ޖޫނިއާ މުބާރާތުގައިވެސް ވާދަކޮށްފަ \އެވެ.